ސުޕްރީމް ކޯޓްގެ ހުކުމަކާ ގުޅިގެން 17 ވަނަ ރައްޔިތުން މަޖިލީހުގެ ތެރެއިން މެންބަރުކަން ގެއްލުނު ބޭފުޅަކަށް އެ މަގާމު ގެއްލުނު ފަހުން 38،000 އަށް ވުރެ ގިނަ ރުފިޔާ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ދީފައިވާ ކަމަށް މަޖިލީހުގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު މަޖިލީހުން ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ދިރާސާ ކޮށް، މިދިޔަ ހަފްތާގައި ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، ދައުރުގެ މެދުތެރެއިން ގޮޑި ގެއްލުނު މެންބަރަކަށް އޭގެ ފަހުން މުސާރައިގެ ގޮތުގައްޔާއި، ޕެންޝަނުގެ ގޮތުގައި ފައިސާތަކެއް ދީފައިވާ ކަމަށެވެ. އެއީ މާލިއްޔަތުގެ ގާނޫނާއި ހިލާފަށް ދޫކޮށްފައިވާ ފައިސާއަށްވީ ނަމަވެސް، އެ ފައިސާ އެ މެންބަރުގެ އަތުން އަނބުރާ ނަގާފައި ނުވާކަން ފާހަގަކޮށް ފައިސާ ހޯދަން އޮޑިޓާ ޖެނަރަލް ވަނީ ލަފާދެއްވައިފަ އެވެ.
ދޭން ނުޖެހޭ ފައިސާގެ ގޮތުގައި މެންބަރަކަށް މަޖިލީހުން ދީފައިވަނީ، މުސާރައިގެ ގޮތުގައި ދޫކޮށްފައިވާ 8842ރ. އާއި ކުރީ އަހަރުތަކުގެ ޕެންޝަންގެ ގޮތުގައި ރިޓަޔާމަންޓް ޕެންޝަން ސްކީމަށް އެ މެންބަރަށް 2011 ވަނަ އަހަރު ސަރުކާރުން ޖަމާކޮށްދީފައިވާ ފައިސާގެ ތެރެއިން އޭނާ ސަރުކާރަށް ދައްކަންޖެހޭ 29،430ރ. އާ އެކު ޖުމްލަ 38،272ރ. އެވެ.
އެ މައްސަލާގައި އޮޑިޓާ ޖެނަރަލް ލަފާދެއްވާފައި ވަނީ، އިތުރަށް ދީފައިވާ މުސާރައާއި ޕެންޝަން ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާ އަށް ޖަމާކުރުމަށެވެ. އަދި އެ ފައިސާގެ ތަފްސީލު މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓްރީ އަށާއި އޮޑިޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށްފަހު، މާލީ ބަޔާންތަކުގައި ތަފްސީލުތައް ހިމެނުމަށެވެ.
"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު 1.07 ގައިވާގޮތަށް، ލިބެންޖެހޭ ފައިސާ ހޯދަން އަޅަންޖެހޭ ފިޔަވަޅު އެޅުމަށާއި ފައިސާ ހޯދުމަށް އަޅާ ފިޔަވަޅުތަކުގެ ރެކޯޑު ބެލެހެއްޓުމަށާއި ފައިސާ ހޯދަން ޝަރީއަތަށް ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި އެ މައްސަލަތައް ގަވާއިދުން ޝަރީއަތަށް ހުށަހެޅުމަށް ދަންނަވަމެވެ،" އޮޑިޓާ ޖެނަރަލްގެ ލަފާފުޅުގައި ވިދާޅުވި އެވެ.
މަޖިލީހުގެ 2012 ވަނަ އަހަރުގެ އަހަރީ ހަފުލާއަށް ސަރުކާރުގެ ބަޖެޓުން ފައިސާ ހަރަދުކުރި މައްސަލައެއް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. ސަރުކާރުގެ މުއައްސަސާތަކުގައި ބާއްވާ ކުދި ހަފުލާތަކަށް އިދާރީ ބަޖެޓުން ހަރަދުކުރުމަކީ ސަރުކާރުގެ ތަންތަނުގެ އަހަރީ ދުވަސް ފާހަގަކުރުމާ ބެހޭ ގަވާއިދާއި ހިލާފު ކަމެކެވެ. އެހެން ނަމަވެސް އެ އަހަރު މަޖިލިސް އަހަރީ ދުވަސް ފާހަގަކުރުމަށް ބަޖެޓުން 51 ހާސް ރުފިޔާ ހަރަދުކުރި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އަހަރީ ހަފުލާތައް ބޭއްވުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތަކާއި ގުޅުންހުރި ކަމަކަށް ނުވާތީ، ސިލްވާ، ގޯލްޑަން ނުވަތަ ޑައިމަންޑް ޖުބްލީ ނޫން މުނާސަބަތަކަށް ބަޖެޓުން ހަރަދު ނުކުރުމަށް އޮޑިޓާ ޖެނަރަލް ވަނީ ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވާފަ އެވެ.