އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން މިއަދު ފަށައިފި އެވެ.
ރައީސް ޔާމީންގެ ކެމްޕޭން މިއަދު ރަސްމީކޮށް ފެށީ މާލޭގެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަކާ އެކު އެވެ.
ކެމްޕޭނާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޓީމުތައް މާލޭގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ އަޑުއަހައިގެން ބޭނުންވާ މައުލޫމާތު ހޯދާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނާ އެކު ރިޔާސީ އިންތިހާބަށް ނިކުންނަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އެހެންވެ އިންތިހާބުގެ ދެވަނަ ބުރަކަށް ނުވިސްނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
"ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނަމަ ދެވަނަ ބުރެއް ނޯންނާނެ. ފުރަތަމަ ބުރުން ކާމިޔާބު ވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ވިންދު ހުރި ގޮތަށް ބަލާއިރު ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން އިންތިހާބު ކުރަން ކަން އެނގޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ކެމްޕޭންގައި ބައިވެރިވެވޭ ގޮތް ވުމަކީ ކެމްޕޭނަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.
ރައީސް ޔާމީން މިވަގުތު ގެންދަވަނީ މަނީ ލޯންޑަރިންއާ ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނަށް އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް ވަޑައިނުގެންނެވޭނެ އެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ މާލޭގައި ދޮރުން ދޮރަށް ހިނގުމުން ވޯޓުލާ އާބާދީގެ ދެބައިކުޅަ އެއްބަޔަކަށް ވާސިލްވާނެ ކަމަށެވެ. އަދި އިދިކޮޅު ކެމްޕޭން ވަރަށް އަވަހަށް އަތޮޅުތަކުގައި ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.