ދުނިޔެ

ސީރިޔާގެ މީހުން ބަނޑަށް ޖެއްސުން، ބަައްޝާރުގެ ހަތިޔާރަކަށް

ސީރިޔާގެ ރައީސް ބަޝާރް އަލް އައްސަދު އަދި އޭނާގެ ސަޕޯޓަރިން ސީރިޔާގައި ހިނގަމުންދާ އަހުލީ ހަނގުރާމަ ކާމިޔާބު ކުރުމަށް ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރެއެވެ. މި ހަނގުރާމައިގެ ތެރޭގައި ސީރިޔާގެ އާއްމުން ނެތި ފަނާވެގެން ދިޔުން މިއީ ސީރިޔާގެ ރައީސް މާ ބޮޑަށް ފިކުރު ކުރައްވާ ކަމެއް ނޫނެވެ.

ސީރިޔާގެ މަޑާޔާގެ ރައްޔިތުންނަށް ޖެހުނު ހާލު ފެނިފަ މުޅި ދުނިޔެއަށް އިނގިގެން ދިޔައީ އަމިއްލަ ރައްޔިތުން ބަނޑަށް ޖައްސައިގެންވެސް ހަނގުރާމަ ކާމިޔާބު ކުރަން ބަޝާރު ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި މިފަހަކަށް އައިސް އިދިކޮޅު ހަނގުރާމަވެރިންގެ ހިތްވަރު ދެރަކޮށް، ސީރިޔާ ބަޝާރުގެ އަތްދަށަށް ގެނައުމުގެ ގޮތުން ސީރިޔާގެ އާންމުން ބަނޑަށް ޖެއްސުން މިއީ ބަޝާރު އާއި އޭނާގެ ކޯލިޝަނުން ހަތިޔާރެއް ގޮތަށް ބޭނުންކުރަމުން އަންނަ ޓެކްޓިކްއެކެވެ.

2015 ގައި ބަޝާރު އަދި އޭނާގެ ކޯލިޝަނުން ވަނީ މަޑާޔާގައި ބަނޑަށް ޖެއްސުމުގެ ކެމްޕޭނު ފަށާފައެވެ. އަދި އޮކްޓޯބަރުގައި ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ޕްރެޝަރުގެ ސަބަބުން ވަނީ މަޑާޔާގެ ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މަގުފަހި ކޮށްދީފައެވެ. ނަމަވެސް މަޑާޔާއަށް ބޭނުން ޖެހިފައިވާ ތަކެތި ފޯރުކޮށްދެވިފައިވަނީ އެންމް ފަހަރަކުއެވެ.

ދުޝްމަނުން ނުވަތަ ދުޝްމަނު ބައިގަނޑުގެ އާންމުން ބަނޑަށް ޖެއްސުން މިއީ ވަރަށް ކުރީއްސުރެ ވެސް ހަނގުރާމަތަކުގައި ކުރަމުން އަންނަ ކަމެކެވެ. ބަޝާރުގެ ކޯލިޝަނުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއި އެކު މިކަން ކުރަމުންނެވެ. މަޑާޔާ ވަށާލާ އެ ސަރަހައްދުގެ ރައްޔިތުން ބަނޑަށް ޖެއްސި ދުވަސްވަރު، އެ މީހުންވަނީ ކާ ބޯ ތަކެތި ހުސްވުމުން ވިނަ، އަދި ގޭގައި ގެންގުޅޭ ބުޅަލާއި، ކުދި ސޫފާ ސޫފި ކާން ޖެހިފައެވެ. ރައީސް ބަޝާރު އެމަނިކްފާނުގެ ރައްޔިތުންނަށް ޖެއްސި ބަނޑުހައި ހޫނުކަމުގެ ވޭނުގެ ތެރޭގައި އެތަކެއް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މަންމާއިންގެ ގާތުގައި ކިރު ނުހުރުމުން ވަނީ ތުއްތު ދަރިފުޅަށް ލޮނާއި އެއްކޮށްގެން ހަމަ އެކަނި ކުޑަ ފެންފޮދަކުން ފުއްދާލަން ޖެހިފައެވެ.

ޑިސެމްބަރު މަހު އެކަނިވެސް 23 މީހުން ބަނޑުހައި ހޫނުކަންމަތީ މަރުވިއެވެ. މަޑާޔާ ދޫކޮށްލާފަ ދާން އުޅުނު އެތަކެއް ބަޔަކު ވަނީ ސްނައިޕަރުގެ ވަޒަނުގެ ސަބަބުންނާއި ލޭންޑް މައިންސް -- ބިމުގަ ވަޅުލެވިފައިވާ ބޮން -- ގެ ސަބަބުން މަރުވެފައެވެ.

މި ރިޕޯޓު މިހެން ކިޔާލުމުން ބަޝާރު މިހެން ކަންތައް ކުރަނީ ކީއްވެތޯ ސުވާލުކުރެވެއެވެ. ބަނޑަށް ޖެއްސުން އެއީ ދުޝްމަނުން ބަލިކަށިވާ ކަމެކެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުން ބެލެހެއްޓުމަށް އިދިކޮޅު ހަނގުރާމަވެރިންނަށް އަންނަ ވަރަށް ބޮޑު ޕްރެޝަރެކެވެ. ނަމަވެސް ބަޝާރް އަލް އައްސަދު މި ހަތިޔާރު ބޮޑަށް ބޭނުން ކުރަނީ އަދަބެއްގެ ގޮތުގައެވެ.