މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ކަނޑުތައް ގަދަ، އުދަ އަރާފާނެ: މެޓް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލިކަލް ސާވިސް (މެޓް) އިން ހާމަކޮށްފި އެވެ.

ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މާދަމާ ހެނދުނު 10:00 ގެ ނިޔަލަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުގެ ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ކަނޑުގެ ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.