ޕީޕީއެމް

ސަރުކާރު ބަދަލުކުރަން ރައްޔިތުން ތިބީ ފެންބޮވައިގެންފައި: ޕީޕީއެމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ދޮރުން ދޮރަށް ހަރަކާތް މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ރަސްމީކޮށް ފެށީ މިދިޔަ ހޯމަ ދުވަހު މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ.

ހޯމަ ދުވަހު ދޮރުން ދޮރަށް ކުރިއަށް ގެންދިޔައީ މާލެ އަދި ވިލިމާލޭގަ އެވެ. އަދި އިއްޔެ ވަނީ ހުޅުމާލޭގައިވެސް ދޮރުން ދޮރުން ހިނގަން ފަށާފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެމްޕޭންގައި ހިމެނޭ ދޮރުން ދޮރަށް ހަރަކާތާ ގުޅޭގޮތުން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ސެނެޓަރު -- މުހައްމަދް އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ހޯމަ ދުވަހު އެކަނިވެސް ކެމްޕޭން ޓީމުތައް މާލޭގެ ކޮންމެ ދާއިރާއެއްގެ ބްލޮކެއްގެ ގެތަކަކަށް ޒިޔާރަތް ކޮއްފައިވޭ. އަދި ވިލީމާލޭގެ ބޮޑު ސަރަހައްދެއްގެ ގެތަކަކަށް ޒިޔާރަތްކޮށްފައިވޭ. އަދި އިއްޔެ ހެނދުނު 10:00 ޖެހިއިރު ހުޅުމާލޭގެ ދޮރުން ދޮރަށްވެސް ވަނީ ފަށާފައި،" ރުކުމާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ރުކުމާ ވިދާޅުވީ ގޭގެއަށް ޒިޔާރަތް ކުރުމުން ފެންނަނީ އަދި އެނގިގެންދަނީ ރައީސް ޔާމީނަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ތާއީދު ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް ހިޔާނާތްތެރިވެފައިވާ ކަމަށް ރައްޔިތުން ބުނާ ކަމަށާއި އެކަމާ ގުޅިގެން ރައްޔިތުން ތިބީ ސަރުކާރު މަތިން ފޫހިވެފައި ކަމުގައިވެސް ވިދާޅުވި އެވެ.

"ރައްޔިތުން ތިބީ މި ސަރުކާރު ބަދަލުކުރުމަށް ފެންބޮވައިގަނެފައި،" ރުކުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓާއި ފެން ބިލަށް ކުރަންޖެހޭ ހަރަދު މަހުން މަހަށް ބޮޑުވުމާއި، ރައްޔިތުންގެ އަތުން ޖީއެސްޓީގެ ގޮތުގައި ނަގަމުންދާ އަދަދު ބޮޑުވުމާއި އަދި ރާއްޖޭގެ އިންފްލޭޝަން މައްޗަށް ޖެހި ތަކެތީގެ އަގުތައް އުފުލި ރައްޔިތުން ކުރަންޖެހޭ ހަރަދު ބޮޑުވުމަކީވެސް ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރު ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން ކުރިއަށްދާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދީފައިވީ ނަމަވެސް އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ދަށު ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.