އިލެކްޝަންސް ކޮމިޝަން

ވޯޓާސް ލިސްޓަށް 337 އިސްލާހެއް ގެނެސް އަލުން ޝަކުވާއަށް ހުޅުވާލައިފި

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށްފަހު 337 އިސްލާހެއް ވޯޓާސް ލިސްޓަށް ގެނެސް އަލުން ޝަކުވާއަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ޖުމްލަ 551 ޝަކުވާ ކޮމިޝަނަށް ހުށަހެޅި އެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެންމެ ފުރަތަމަ ހުޅުވާލިއިރު ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 282،672 މީހުންނަށެވެ. ނަމަވެސް ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކަށް ބަލައި ވޯޓާސް ލިސްޓަށް ގެނެސްފައިވާ އިސްލާހުތަކާ އެކު ވޯޓުލުމުގެ ހައްގު މިހާރު ލިބެނީ 282،406 މީހުންނަށެވެ.

ވޯޓާސް ލިސްޓަށް ކޮމިޝަނުން ގެނައި އިސްލާހުތައް

  • މަރުވި މީހުން އުނިކުރުން - 267 މީހުން
  • އެޑްރެސް ބަދަލުވުމުން - 64 އިސްލާހު
  • ނަން ބަދަލުވުމުން - ފަސް އިސްލާހު
  • ނަން ނެތުމުން އިތުރުކުރި - އެކަކު

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހު 16 ވަނަ ދުވަހު އެވެ.

ރީރަޖިސްޓްރީ ކުރުން ފަސޭހަކޮށްދިނުމަށްޓަކައި އޮންލައިންކޮށް އެކަން ކުރެވޭނެ އިންތިޒާމު ކޮމިޝަނުން ގެންދަނީ ހަމަޖައްސަމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އޮގަސްޓް ހަތަކަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށާއި، ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މަތީ ކޯޓަކުން ދަށު ކޯޓުގެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރުވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.