ގިރާވަރު ފަޅު

ގިރާވަރު ފަޅު ފެހިކުރަން ދެ ރަށަކުން ރުއްގަސް ނަގަނީ

ގިރާވަރު ފަޅު ފެހިކުރަން ދެ ރަށަކުން ރުއްގަސް ނެގުމަށް ނިންމައިފި އެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިއްކަމުންދާ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދާފައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީއައިއޭ) ރިޕޯޓްގައިވާ ގޮތުން ގުޅިފަޅު ފެހިކުރުމަށް ހަމަޖެހިފައިވަނީ ހއ. މުލިދޫ އާއި ގދ. ގަމުން ރުއްގަސް ނަގައިގެންނެވެ.

މީގެއިތުރުން ގުޅިފަޅު ފެހިކުރަން ލ. ގާދޫއިން ވެސް ރުއްގަސް ނަގާނެ ކަމަށް އެނގިފައިވެ އެވެ.

ގދ. ގަމަކީ ގދ. ގައްދޫ ކައުންސިލްގެ އިހްތިސާސްގައި ހިމަނައިދިނުމަށް އެ ކައުންސިލުން އެދޭ ރަށެކެވެ. އަދި ހއ. މުލިދޫ އަކީ ސަރުކާރުގެ ކުންފުނި -- އެގްރޯނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ރަށެކެވެ.

އީއައިއޭ ރިޕޯޓްގައިވާ ގޮތުން ގުޅިފަޅު ފެހިކުރުމުގެ ފުރަތަމަ މަރުހަލާގައިވެސް 142،000 ރުއްގަސް ބޭނުންވެ އެވެ.

ތިމާވެށީގެ ގާނޫނުގައިވާ ގޮތުން އީޕީއޭގެ ހުއްދައަކާ ނުލައި ރުއްގަސް ނުނެގޭނެ އެވެ. އަދި ރުއްގަސް ނެގި ނަމަވެސް ނަގާ ކޮންމެ ރުކަކަށް ދެ ރުއް ނުވަތަ ނަގާ ކޮންމެ ގަހަކަށް ދެ ގަސް، އެ ރުކެއް ނުވަތަ އެ ގަހެއް ނެގި ތަނަކު އިންދަންޖެހެ އެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ފަޅުން މާލޭ ރައްޔިތުންނަށް 2،000 ގޯތި ދޫކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ފަޅު ހިއްކަން ހަވާލުކޮށްފައިވާ ކުންފުނީގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް ގިރާވަރު ފަޅު ތަރައްގީކުރުން ހަވާލުކުރީ ކްރޮސް ސަބްސިޑީގެ އުސޫލުންނެވެ. ގިރާވަރު ފަޅު ތަރައްގީކުރުމަށް ނ. އަތޮޅުގެ ފަޅެއް 22 މިލިއަން ޑޮލަރު -- 339 މިލިއަން ރުފިޔާއަށް ވިއްކާލައިގެން ހޯދާފައިވާ ފައިސާ އަކީ ގިރާވަރު ފަޅު މަޝްރޫއުގެ އިކުއިޓީއަށް ބޭނުންވާ ފައިސާ އެވެ.