ނޭޕާލް އަތުން ސީދާ ތިން ސެޓުން ބަލިވެ ހަތަރު ވަނަ ގައުމުގެ ގޮތުގައި ސައުތު އޭޝިއަން ގޭމްސް ރާއްޖޭގެ އަންހެން ވޮލީޓީމު ނިންމާލައިފި އެވެ.
އިންޑިޔާގައި ހުކުރު ދުވަހު ފެށި ގޭމްސްގެ ތިން ވަނަ ހޮވި މެޗުގައި މިއަދު ރާއްޖެ އަށް ފުރަތަމަ ސެޓް ގެއްލުނީ 25-20 އިންނެވެ. ދެ ވަނަ ސެޓްގައި 14 ޕޮއިންޓް ލިބުނުއިރު ތިން ވަނަ ސެޓްގައި ލިބުނީ 13 ޕޮއިންޓެވެ.
ގައުމީ އަންހެން ވޮލީ ޓީމު ސެމީ ފައިނަލުގައި ބަލިވީ މިއަދު ކުޅޭ ފައިނަލް މެޗުގައި އިންޑިޔާއާ ދެކޮޅަށް ނުކުންނަ ލަންކާ އަތުން ސީދާ ސެޓުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިޔާ އަތުން ބަލިވި ނަމަވެސް ރާއްޖެ ސެމީ އަށް ދިޔައީ ޕާކިސްތާން ބަލިކޮށްފަ އެވެ.
މިހެންވެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ މިއީ އަންހެން ވޮލީގައި ރާއްޖެ މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށާއި ވޮލީގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށެވެ. އަދި މުޅި ގޭމްސްގެ ފުރަތަމަ މެޗުގައި ފިޔަވައި އެހެން މެޗުތަކުގައި ރާއްޖެ ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ގައުމީ ފިރިހެން ވޮލީ ޓީމު ވެސް ވަނީ އިންޑިޔާ އަތުން ސެމީ ފައިނަލުގައި ބަލިވެފަ އެވެ.