ހަބަރު

މުހުތާޒް ދޫކޮށްލި މައްސަލައިގައި ހައިކޯޓުން މިއަދު ގޮތެއް ނިންމަނީ

ކުރީގެ ޕީޖީ، މުހުތާޒު މުހުސިން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައި އެކަމާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ބުނެފި އެވެ. ދާދި ދެންމެއަކު ހައިކޯޓްގައި ވަނީ، މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. ޝަރީއަތުގެ މަޖިލިސް ނިންމާލައްވަމުން ގާޒީ ވިދާޅުވީ އެކަމާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށެވެ.

ރޭ ހައިކޯޓު ހުޅުވައި، މި މައްސަލާގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވެ އެވެ. އެ އަޑުއެހުމުގައި މުހުތާޒު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

ތުހުމަތުތަކަށް މުހުތާޒު އިންކާރުކޮށްފައިވާއިރު ފުލުހުން އޭނާ ހައްޔަރުކުރީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ތައްޔާރު ކުރި، "ފޭކް ކޯޓު އަމުރުގެ" މައްސަލާގައި ފުލުހުން ފެށި ތަހުގީގަކާ ގުޅިގެންނެވެ. ކުއްލި ގޮތަކަށް ހައިކޯޓު ހުޅުވައި ބޭއްވި އަޑުއެހުމުގައި މުހުތާޒު ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފަ އެވެ. ވަކީލުން ހަމަޖެއްސުމަށް މުހުތާޒަށް ވަގުތު ދީފައިވަނީ، މިއަދުގެ ހެނދުނަށެވެ.

މުހުތާޒު ރޭ ހައިކޯޓުން ނިކުންނެވުމުން ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަން ވަނީ އިންކާރު ކުރައްވާފަ އެވެ. މުހުތާޒު ވިދާޅުވީ އޭނާގެ ފަރާތުން ވާހަކަ ދައްކަވަނީ ވަކީލު ކަމަށާއި ވަކީލް ޖަވާބުދާރީވާނެ ކަމަށެވެ. މިއަދުގެ އަޑުއެހުމަށްފަހު ވެސް މުހުތާޒު ނޫސްވެރިންނާ ބައްދަލުކުރައްވާ އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ކުރީގެ ޕީޖީ އަދި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުހުތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އިއްޔެ ހަވީރު ޕީޖީއިން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. މުހުތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލީ އިއްޔެ މެންދުރުފަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުނެފައިވާއިރު ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއް މެދުވެރިކޮށް އެމަނިކުފާނު ވެސް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ.

ފޭކް ކޯޓު އަމުރުގެ މައްސަލާގައި އދ. މާމިގިލީ ކޯޓްގެ ގާޒީ، ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30، ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.