ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަކީ ދިވެހި ރައްޔިތުންގެ މެޖޯރިޓީ މިއަދު އިއްތިފާގުވާ ކަމެއް ކަމަށެވެ.
"ރައީސް ޔާމީން ވެރިކަމަށް ގެނައުން ނޫން ގޮތެއް މި ގައުމަށް ނެތް ކަމަށް ގާތްގަނޑަކަށް ހުރިހާ ބޭފުޅުން އެބަ ގަބޫލުކުރޭ،" ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުވެސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންވެސް ކުރިމަތިނުލެއްވުމަށް އެދިވަޑައިގެންފަ އެވެ.
ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ވާދަނުކުރެއްވުން ކަމަށް ވިދާޅުވެ އެކަން އެގޮތަށް ކޮށްދެއްވުމަށް ޕީޕީއެމްގެ ބޭފުޅުންގެ ކިބައިން ރައީސް ނަޝީދު ރޭ އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވެފަ އެވެ.
ޕީޕީއެމުން ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ފަށާފައިވާއިރު އެމަނިކުފާނު މިވަގުތު ގެންދަވަނީ މަނީ ލޯންޑަރިންއާ ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނަށް އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް ވަޑައިނުގެންނެވޭނެ އެވެ.