ޕީޕީއެމް

ޔާމީންގެ ރިޔާސީ ކެމްޕޭން ބައެއް އަތޮޅުތަކުގައި ފަށައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގެ މަސައްކަތް ބައެއް އަތޮޅުތަކުގައިވެސް ފަށައިފި އެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން މާލޭގައި ރަސްމީކޮށް ފެށީ މިމަހުގެ ތިންވަނަ ދުވަހު ދޮރުންދޮރަށް ހިނގާ ހަރަކާތަކުންނެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭން މިއަދު ބައެއް އަތޮޅުތަކުގައި ފަށާފައިވާ ކަމަށެވެ.

"ކެމްޕެއިން އޮފީހުން މައުލޫމާތު ލިބޭ ގޮތުގައި އަތޮޅުތަކުގައި ޑޯ ޓް ޑޯ ހަރަކާތް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ހަރަކާތް މިއަދު ވަނީ ފެށިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެމްޕޭން އަތޮޅު ތެރޭގައި ފެށީ ހއ. ހދ. އަދި ށ. އަތޮޅަށް އަމާޒުކޮށްގެންނެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން މެނޭޖަރާއި ޑެޕިއުޓީ ކެމްޕޭން މެނޭޖަރު ވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުން ފޯމު ހުށަހެޅުމަށް ހުޅުވާލުމާ އެކު ރައީސް ޔާމީން ފޯމު ހުށަހަޅުއްވާނެ ކަމަށްވެސް އަބްދުއްރަހީމް މިއަދު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.