ހަބަރު

ހިޔާނާތާއި ގާސިމާ ގުޅުވަނީ ތާއީދާއި ލޯބި ކިލަނބުކޮށްލަން: ޖޭޕީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ ގުޅުވަނީ އެމަނިކުފާނަށް އޮތް ރައްޔިތުންގެ ތާއިދާއި ލޯބި ކިލަނބުކޮށްލަން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

އެމްއެމްޕީއާރްސީއިން ލިބުނު ފައިސާ ވިލާ ކުންފުންޏަށް ދީފައިވާ ކަމަށް ބުނެ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑު ހިއްސާއެއް އޮތް އެސްއޯއެފް ކުންފުނިން ނެރުނު ނޫސް ބަޔާނަށް ރައްދު ދެމުން ޖޭޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖުމްހުރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން، މަޖިލިސް މެންބަރެއްގެ ހައިސިއްތުން އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޗެއާމަންގެ ހައިސިއްޔަތުން އަދި އަމިއްލަ ހައިސިއްޔަތުން ވެސް ހިޔާނާތުގެ އެއްވެސް ފައިސާއެއް އަދި އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ޖޭޕީިއިން ވަނީ ދީފަ އެވެ.

ސާބިތު ނުހިފޭ ވާހަކަތައް ސިޔާސީ ބޭނުމަށްޓަކައި ދައްކަމުންދަނީ އެ ޕާޓީ އާއި ގާސިމާމެދު ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތަކާއި އޮންނަ އިތުބާރާއި ގާތްގުޅުމަށް އުނިކަން ގެނައުމަށް ކަމަށް ވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގާސިމް އަށް އޮތް ތާއީދާއި ލޯބި ކިލަނބުކޮށް، ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެެއް އަށަގެންނެވުމަށްޓަކައި ހިންގަމުންދާ ޖަރީމާތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިންސާފުވެރި ތަހްގީގެއް ހިންގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ޖޭޕީއިން އެމްއެމްޕީއާރްސީއިން ހިންގި 1.22 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެެވެ.