މިދިއަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ފަޅު ތެރެއިން ކިނބޫ ހިފައެވެ. އަދި ވަރަށް ގިނަ ރަށްރަށުން ކިނބޫ ހިފުމަށްފަހު ބޭނުން ވަނީ އެބައެއްގެ ރަށުގައި ކިނބޫ ބާއްވާށެވެ. ނަމަވެސް ލ. ކަލައިދޫ ފަޅުތެރިން މިއަދު ފެނުނު 10 ފޫޓުގެ ކިބޫ އެރަށުގައި ބާއްވާކަށް އެރަށު މީހުން ބޭނުމެއް ނުވެއެވެ. ބިރުގަންނާތީއެއް ނޫނެވެ. ހަމައެކަނި މައްސަލައަކީ ކިނބުލުގެ ބަނޑު ފުރޭވަރަށް ކޮންމެ ދުވަހަކު ކާން ނުދެވިދާނެތީ އެވެ.
ކަލައިދޫ ކައުންސިލްުގެ ރައީސް މޫސާ ހަސަން މިއަދު ވިދާޅުވީ އެ ރަށުގެ ޖެޓީ ސަރަހައްދު މޫގެ ތެރެއިން ކިބުނލެއް ފެނުނީ މިއަދު 10:30 އެހާކަންހާއިރު ކަމަށާއި ކިނބޫ ފެނުމާއެކު ރަށުގެ އާންމުންގެ ގިނަ ބަޔަކު މޫދުގެ ތެރެއަށް އެރިގެން ކިނބޫ ހިފައި އެއްގަމަށް އަރުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދިގު މިނުގައި 10 ފޫޓު ހަތަރު އިންޗި، އަދި ވަށަމިނުގައި ތިން ފޫޓު އަށް އިންޗި ހުރި އެ ކިނބޫ ހިފުމަށްފަހު މިހާރު ސިފައިންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރަން ނިންމީ އެރަށުގައި ކިނބޫ ބޭއްވުމުގެ ޝައުގުވެރިކަން ނެތިގެން ކަމަށެވެ.
"މިވަރު ބޮޑު ކިނބުލުން އަޅުގަނޑުމެން ކިހިނެއްތޯ ގެންގުޅޭނީ، ކޮންމެ ދުވަހަކު ދިހަބާރަ ކުކުޅު ކާންދީގެން! އެވަރަކުން އޮތްބެއް ނޯންނާނެ، އެހެންވެ އަޅުގަނޑުމެން ކައުންސިލުން މިއުޅެނީ ސިފައިންނާ ހަވާލު ކުރަން. އަދި މިއަދު ކިނބޫ ހިފިފަހުން އެކައްޗެއްވެސް ކާކަށް ނުދެން. އެކަމަކު މީހުން ތައް އެބައުޅޭ އޭތި ބަލަން ގޮސް،"
ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ފަޅު ތެރެއިން ކިނބޫ ފެނެ އެވެ.