ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 70.4 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 2024 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ އަށް ޕަސެންޓް އިތުރުވެފަ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި 2023 ވަނަ އަހަރު ލިބުނީ 65.1 މިލިއަން ޑޮލަރު (999 މިލިއަން ރުފިޔާ) އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ގްރީން ޓެކްސް ނަގާ ރޭޓް މިމަހުން ފެށިގެން ވަނީ ބޮޑުވެފަ އެވެ.
އެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން ދިޔަ ތިން ޑޮލަރުގެ ބަދަލުގައި މިހާރު ނަގަނީ ހަ ޑޮލަރެވެ.
މީގެ އިތުރުން ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް ނަގަމުންދިޔަ ޑޮލަރުގެ ބަދަލުގައި މިހާރު ނަގަނީ 12 ޑޮލަރެވެ. ނަމަވެސް އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން މި ޓެކްސް ނެގުމުން އިސްތިސްނާވާނެ އެވެ.