ހަބަރު

ވެރިކަން ވައްޓާލަން މުހުތާޒު އުޅުނު ކަމަށް ތުހުމަތުކުރެވޭ: ހުކުމް

  • އަމުރު ތައްޔާރު ކުރީ މާފުށީ ކޯޓުގެ ނަމުގައި މާމިގިލީ ކޯޓުން
  • އަމުރު ތައްޔާރު ކުރަން މުހުތާޒް މާމިގިލީ ކޯޓަށް ދިޔަ
  • މުހުތާޒު ބަންދު ކުރީ 15 ދުވަހަށް

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް ހައްޔަރުކޮށް، ރާއްޖޭގެ ވެރިކަން ވައްޓާލަން ކުރީގެ ޕީޖީ މުހުތާޒު މުހުސިން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށް ހައިކޯޓުން ނިންމައިފި އެވެ. އެ ކޯޓުން މިހެން ނިންމާފައިވަނީ މުހުތާޒުގެ ބަންދާ ގުޅޭގޮތުން އެ ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގަ އެވެ.

މުހުތާޒުގެ މައްޗަށް ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ހައްޔަރުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު، މައްސަލާގައި ތުހުމަތުކުރެވޭ މުހްތާޒް އިތުރު ބަޔަކާއި ބައިވެރިވެގެން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދުމަށްޓަކައި 2016 ފެބުރުވަރީ 7 ދުވަހުގެ ދަންވަރު 12:45 އެހައިކަށްހައިރު، ލޯންޗެއްގައި މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ގޮސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅިގެން، އެކޯޓު ހުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޔާމީން ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި "މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު"ގެ ނަމުގައި އޮތް ކޯޓު އަމުރުގައި ހައްޔަރުކުރުމަށް އޮތް ގ. ދޫވެހި/ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ދިވެހިދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ އަދި ސިފައިންގެ އެންމެ މަތީވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީއާއި ގާނޫނުން މުހިއްމު މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާކަމާއި، އެގޮތުން ދިވެހިދައުލަތުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކާއި ސިޔާދަތާއި އިސްތިގްލާލާ ގުޅުން ހުރި މުހިއްމު ނިންމުންތައް ނިންމުމުގެ އެންމެއިސް މަސްއޫލިއްޔާތު ހަވާލުކޮށްފައިވާ ފަރާތްކަން އެނގޭއިރު، ގާނޫނާއި ހިލާފަށް ކޯޓު އަމުރެއް ތައްޔާރުކޮށް އެއަމުރަކީ ސައްހަ އަމުރެއްކަމުގައި ދައްކައިގެން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސް އެޅޭފަދަ ގޮތަކަށް ގާނޫނާއި ހިލާފަށް މަސައްކަތް ކުރުމަކީ ދިވެހިދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާކުރިމަތިވުމުގެ ފުރުސަތު އޮތް އަދި މުޖްތަމައުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގެއްލި ދައުލަތުގެ ނިޒާމް އާންމަށް ބުރޫއަރައިގެން ދިއުމުގެ އިހުތިމާލު އޮތްކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.

މުހުތާޒުގެ މައްޗަށް މިރޭ ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، މުހްތާޒްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޒާތާއި ބާވަތާއި މި މައްސަލައިގެ ކަންހިނގާފައިވާ ގޮތަކާއި، މައްސަލައިގެ ކުޑަބޮޑު މިނަށް ބަލާއިރު، މި މައްސަލާގައި މުހްތާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާތީ، މިވަގުތު މުހްތާޒް ދޫކޮށްލާފައި ބެހެއްޓުމަކީ، މުޖްތަމައުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ. މި މައްސަލައިގައި ހެކިބަސްދޭން ހުރި ފަރާތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަން މަސައްކަތް ކޮށްފާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

"މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ގއ. މާމެންދޫ/ ރަތްމަސްގޭ މުހްތާޒް މުހުސިން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ނެރުއްވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ ތިން ވަނަ ނުކުތާގައި ބަޔާންކުރައްވާފައިވާ އުސޫލަށް ރިއާޔަތް ނުކުރައްވައިކަން އެނގެން އޮތަތީ ކްރިމިނަލް ކޯޓުގެ އެއަމުރު ބާތިލްކޮށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި މުހްތާޒް މުހުސިން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރުމަށެވެ." ހުކުމްގައިވެ އެވެ.