މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ތިން ރަށެއްގައި ފަތާ ސަރަހައްދެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ދައުލަތުގެ ބަޖެޓުން 16.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތިން ރަށެއްގައި ސްވިމިން ޓްރެކް ހަދަން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ދައުލަތުގެ އެންމެ ގިނަ މަޝްރޫއު ހަވާލު ކުރެވިފައިވާ އެމްޓީސީސީ އަށެވެ.

ސްވިމިން ޓްރެކް ހަދަން ނިންމީ ށ. ފޯކައިދޫ، ށ. ފީވައް އަދި ށ. ފޭދޫ ގައެވެ.

މި އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

އެމްޓީސީސީ އާއި ހަވާލު ކުރި މި މަޝްރޫއުތައް ނިންމަން ދިނީ 210 ދުވަހެވެ.

ފޯކައިދޫގެ ފަތާ ސަރަހައްދު ފުން ކުރުމަށް 2،730 ކޮޑި މީޓަރުގެ ވެލި ނަގައި، 40 މީޓަރުގެ ގްރޮއިން ލައި، 101.56 މީޓަރު ބޭރު ތޮއްޓެއް ލާނެ އެވެ. ފީވަކުގެ ފަތާ ސަރަހައްދު ފުން ކުރަން 3،575 ކޮޑި މީޓަރުގެ ވެލި ނަގައި، 50 މީޓަރުގެ ގްރޮއިން ލައި، 97 މީޓަރުގެ ބޭރު ތޮއްޓެއް ލާނެ އެވެ. އަދި ފޭދޫގެ ފަތާ ސަރަހައްދު ފުން ކުރުމަށް 2،106 ކޮޑި މީޓަރުގެ ވެލި ނަގައި، 50 މީޓަރު ގްރޮއިން ލައި، 62 މީޓަރުގެ ބޭރު ތޮއްޓެއް ލުމަށް ހަމަޖެހިފައިވެ އެވެ.