ބަނދަރު ޕްރޮޖެކްޓް

ފީވަކާއި ފޯކައިދޫ ބަނދަރުގެ ބޮޑު ބައި ނިންމައިފި

ށ. ފީވަކާއި އެ އަތޮޅު ފޯކައިދޫ ބަނދަރުގެ މަސައްކަތުން ބޮޑު ބައެއް ނިންމައި އެ ދެ ރަށުގެ މަސައްކަތުގެ އަޕްޑޭޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފީވަކުގެ ބަނދަރު މަޝްރޫއުގެ 65 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެ ރަށުގައި ކުރަނީ އެއްގަމު ތޮށީގެ ކޮންކްރީޓްގެ މަސައްކަތެވެ

ފީވަކު ބަނދަރު މަޝްރޫއުގައި 55،163 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 356 މީޓަރުގެ ބޭރުތޮށި ލުމާއި 182 މީޓަރުގެ ރިވެޓްމަންޓު ޖެހުމުގެ އިތުރުން 2،320 އަކަ މީޓަރަށް ޕޭމަންޓު އެޅުން ހިމެނެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ހޭދަވާނީ 67.6 މިލިޔަން ރުފިޔާ އެވެ.

ފޯކައިދޫ ބަނދަރުގެ މައުލޫމާތު ވެސް ދީފައި ވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައިވަރު ޕުރޮޖެކްޓު ތަކެއް ހިންގަމުން އަންނަ އެމްޓީީސީސީން ބުނި ގޮތުގައި ފޯކައިދޫ ބަނދަރުގެ 15 ޕަސެންޓް މަސައްކަތް ނިމި މިހާރު ކުރަނީ ދަނީ އަލަށް އިތުރު ކުރި ސަރަހައްދު ފުން ކުރުމުގެ މަސައްކަތެވެ.

ފޯކައިދޫ ބަނދަރު މަޝްރޫއުގައި 39،995 ކިއުބިކު މީޓަރުގެ އަލަށް އިތުރުކުރެވުނު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 1800 ކިއުބިކު މީޓަރަށް މިހާރުގެ ބަނދަރު ފުންކުރުމާއި، 4000 ކިއުބުކު މީޓަރުގެ ނެރު ފުންކުރުމާއި 507 މީޓަރުގެ ބޭރުތޮށި ލުމާއި 100 މީޓަރުގެ ރިވެޓުމަންޓު ޖެހުމުގެ އިތުރުން 464 މީޓަރުގެ އެއްގަމު ތޮށި ލާނެ އެވެ. އަދި 2320 އަކަ މީޓަރަށް ޕޭމަންޓު ހަދައި ނެރު ބައްތި ޖަހައި މަގުމަތި ބައްތި ހަރު ކުރާނެ އެވެ.

ގާތްގަނޑަކަށް 52.7 މިލިޔަން ރުފިޔާގެ އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ.