ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ކެމްޕޭން ހުރިހާ އަތޮޅެއްގައި ފަށައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގެ މަސައްކަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަދު ރަސްމީކޮށް ފަށާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން މިމަހުގެ ތިންވަނަ ދުވަހު މާލޭގައި ރަސްމީކޮށް ފެށީ ދޮރުންދޮރަށް ހިނގާ ހަރަކާތަކުންނެވެ.

އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާން ހީނާ ހަލީދު މިއަދު މީޑިއާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭން މިއަދު ހުރިހާ އަތޮޅެއްގައި ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ކެމްޕޭން އަތޮޅު ތެރޭގައި ފުރަތަމަ ފެށީ ހއ. ހދ. އަދި ށ. އަތޮޅަށް އަމާޒުކޮށްގެންނެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން މެނޭޖަރާއި ޑެޕިއުޓީ ކެމްޕޭން މެނޭޖަރު ވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުން ފޯމު ހުށަހެޅުމަށް ހުޅުވާލުމާ އެކު ރައީސް ޔާމީން ފޯމު ހުށަހަޅުއްވާނެ ކަމަށްވެސް ޕީޕީއެމް އިން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.