ޖަޕާން

ޖަޕާންގެ ދެކުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި މަރުވި މީހުން އިތުރުވަނީ

ޖަޕާންގެ ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ކުރިމަތިވ ގުދުރަތީ ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވަމުން އެބަދެ އެވެ.

ޖަޕާނުގެ ކިޔޫޝޫ އަށް އައި މި ޠޫފާނުގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ގޮސް ބައެއް ތަންތަން ވެއްޓުމުގެ ހާދިސާތަކުގައި މިހާތަނަށް 6 މީހަކު މަރުވެފައިވެ އެވެ. އަދި އިތުރު ތިން މީހަކު ގެއްލި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޖަޕާނަށް އިއްޔެ ވެހުނު ބޯ ވާރެ އާއި ހެދި އެ ގައުމުގެ މީޓިއޮރޮލިޖިކަލް އެޖެންސީން ނެރެފައިވާ ޚާއްސަ ސަމާލުތަކުގެ ލެވެލް މިއަދު ވަނީ ޖަޕާނުގެ އުތުރުގެ ސަރަހައްދު ތަކަށް ދަށްކޮށްފަ އެވެ. ނަމަވެސް އަދިވެސް ސަމާލުވުމަށް އިލްތިމާސް ކުރަމުން އެބަދެ އެވެ.

"މުނިސިޕަލްޓީ ތަކުން ދަނީ މަރުވި މީހުންގެ އަދަދު ސާފް ކުރަމުން، މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައި އަދި އިތުރު ތިން މީހަކު މި ކާރިސާގައި މަރުވެފައިވޭ، ތިން މީހަކު ދަނީ ގެއްލިގެން ހޯދަމުން އަދި ދެ މީހަކަށް ކުދި އަނިޔާތައް ވެފައިވޭ،" ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކާޒޫ މަޓްސޫނޯ ޕްރެސް ގައި ބުނެފައިވެ އެވެ.

ޖަޕާނުގެ ކިޔޫޝޫ އަށް ވެހުނު ބޯ ވާރެއާއި ހެދި ޓަޔަރު އުފައްދާ ކުންފުނި، ބްރިޖްސްޓޯންގެ ހަތަރު ފެކްޓަރީ އެއްގެ މަސައްކަތް ވެސް ހުއްޓުނެވެ. ނަމަވެސް މިއަދު އެ ފެކްޓަރީ ތަކުގެ އޮޕަރޭޝަންތައް ކޮންމެވެސް ވަރަކަށް ކުރިއަށްދާ ކަމަށް މީޑީއާގައި ރިޕޯޓް ކޮށްފައިވެ އެވެ.