ހަބަރު

ޖަޕާނު ސިފައިންނާއެކު އެމްއެންޑީއެފް ތަމްރީނު ހަރަކާތެއް ބާއްވައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ޖަޕާން މެރިޓައިން ސެލްފް ޑިފެންސް ފޯސް ގުޅިގެން ސާޗް އެންޑް ރެސްކިއު ހަރަކާތެއް ބާއްވައިފި އެވެ.

ހުޅުމާލެ އިރުމަތީ ފަރާތު ކަނޑުގެ ސަރަހައްދުގައި ހިންގި މި ހަރަކާތުގައި ޖަޕާނުގެ ނޭވީ ފްލައިޓަކާއި ރާޢްޖޭގެ ކޯސްޓް ގާޑް ޝިޕް "ޝަހީދު އަލީ" ހަރަކާތްތެރި ވިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ. ހެނދުނު 11 އިން މެންދުރު އެކެއް ޖަހަންދެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތާއި ކަނޑުވެފައި ތިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކަށް އަމަލީ ގޮތުން ތަމްރީނު ކުރުން ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި ކަނޑުމަތީގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގަ އެވެ. ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އެހީވުމަށް ދިވެހި ސިފައިން ތަމްރީނު ކުރަން މިއަދު ކުރިއަށްގެންދިޔަ ޕްރެކްޓިކަލް ހަރަކާތަށްފަހު މިހާރު ކުރިއަށް ދަނީ މަޝްވަރާ ބައްދަލުވުމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އެމްއެންޑީއެފް އާއި ޖަޕާނު ސިފަންނާއެކު މި ބައްދަލުވުން މިއަދު 6 ޖަހަންދެން ކުރިއަށްދާނެ އެވެ.