އޮބިޗުއަރީ

އާމިނަތު އައްބާސް އަވަހާރަވެއްޖެ

ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިނަތު އައްބާސް އަވަހާރަވެއްޖެ އެވެ.

އާމިނަތު އައްބާސް އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް މިއަދު ހެނދުނު އެވެ.

އާމިނަތު އައްބާސް ވަނީ ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި، ލަވަ މުބަރާތްތަކާއި، ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި، އިންސާފު ކޮށްދެއްވުމުގެ މަސައްކަތް ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ހިންގި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތަކާއި ދިވެހި ނާދީއާއި ދިވެހިނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތަކުގައި މައުލޫމާތު ދެއްވާފައިވެ އެވެ.

އާމިނަތު އައްބާސްއަށް ލިބިވަޑައިގެންނެވި ކާމިޔާބީތަކުގެ ތެރޭގައި ދިވެހިބަހާއި ތާރީހަށް ހިދްމަތްކުރާ ގައުމީ މަރްކަޒުން ނުވަ ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއް ވަނަ އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއް ވަނަ ހިމެނެ އެވެ.