ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ކްރިކް ރިޒާގެ މެޑިކަލް ރިޕޯޓް ސައްހައެއް ނޫން: ދައުލަތް

ރ. ފުއްގިރި މައްސަލައިގައި ދައުވާކުރާ އަހްމަދު ކްރިކް ރިޒާގެ ބަލި ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ދިން ރިޕޯޓަކީ އެ ހޮސްޕިޓަލުން އެއްވެސް ޓެސްޓެއް ނުހަދާ ހުށަހަޅާފައިވާ ރިޕޯޓެއް ކަމަށް ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ބުނެފި އެވެ.

ފުއްގިރި މައްސަލައިގައި މިދިޔަ މަހުގެ 19 ވަނަ ދުވަހާއި 20 ވަނަ ދުވަހާއި އަދި މިމަހުގެ ދެވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތްވެސް ކެންސަލް ކުރީ ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

މި މައްސަލައިގައި ކްރިކް ރިޒާގެ ސިއްހީ ހާލަތާގުޅޭ އައިޖީއެމްއެޗްގެ ރިޕޯޓެއް އޭނާ ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އަދި ކޯޓުގެ އަޑުއެހުންތައް ފަސްކޮށްފައިވަނީ އެ ރިޕޯޓަށް ބެލުމަށްފަހު އެވެ.

މިކަމާ ގުޅިގެން މިއަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އައިޖީއެމްއެޗް މެދުވެރިކޮށް ކްރިކް ހުށަހަޅާފައިވާ ރިޕޯޓަކީ އެންމެ ރަނގަޅު އުސޫލުގެ މަތިން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށް އެހޮސްޕިޓަލުން ވެސް މިހާރު ބުނާ ކަމަށެވެ. އެހެންކަމުން އެއީ ޝަރީއަތުގައި ބޭނުންކުރެވޭނެ ލިޔުމެއް ނޫން ކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.

ޝަފީއު އިތުރަށް ވިދާޅުވީ އެ ރިޕޯޓު އެކުލަވާލާފައިވަނީ އެހެން ކްލިނިކަކުން ހެދި ޓެސްޓުތަކަކަށް ބަލައިގެން އެކަމަކު އައިޖީއެމްއެޗުން އެ ތެސްޓްތައް އަލުން ހަދައިގެން ނޫން ކަމަށެވެ. އެހެންކަމުން އެއީ ސައްހަ ރިޕޯޓެއް އެކުލަވާލުމުގައި އަމަލުކުރަންޖެހޭ ގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރިޕޯޓުގެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ކޯޓުން އެކަމުގައި ވަރަށް އަވަހަށް ގޮތްތަކެއް ނިންމަވާނެކަމަށްވެސް ބެލެވޭ ކަމުގައިވެސް ޝަފީއު ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި އައިޖީއެމްއެޗަށް އިތުރު އިރުޝާދެއް ނުދޭ ކަމަށްވެސް ވިދާޅުވި އެވެ.

ފުއްގިރި މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އެވެ.

ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.