އާސަންދަ

އާސަންދަ ބަޖެޓް ހުސްވެ އިތުރަށް ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުގައި އާސަންދައަށް ކަނޑައެޅި އަދަދު ހުސްވެއްޖެ އެވެ.

އާސަންދައަށް މިއަހަރުގެ ބަޖެޓުގައި ކަނޑައެޅީ 1.04 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އާސަންދަ ބަޖެޓުން 1.11 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަކުރި 924.8 މިލިއަން ރުފިޔާއަށްވުރެ 185 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އާސަންދައަށް ކުރާ ހަރަދު އިތުރުވެފައިވާއިރު މިދިޔަ އަހަރުވެސް އަހަރުގެ މެދުތެރޭގައި އާސަންދަ ބަޖެޓު ހުސްވި އެވެ.

އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ފުރަތަމަ ކަނޑައެޅީ 730.9 މިލިއަން ރުފިޔާ އެވެ. އާސަންދަ ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރަ އެވެ.

އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަކުރަން ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން ދަނީ ސަރުކާރަށް ލަފާ ދެމުންނެވެ.