ހަބަރު

ފޭކް ކޯޓު އަމުރު ނެރުނު ގާޒީ ނިހާން ސަސްޕެންޑްކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލައިގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާން ސަސްޕެންޑްކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ގާޒީ ނިހާން ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގަ އެވެ.

ގާޒީ ނިހާންއާ ގުޅޭގޮތުން މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ގާޒީ ނިހާން ސަސްޕެންޑް ކުރުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކުރުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

ސައްހަ ނޫން ކޯޓު އަމުރުގެ މައްސަލާގައި ގާޒީ ނިހާން ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ހަތް ދުވަސް ހައިކޯޓުން ވަނީ ޖަހާދީފަ އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން، ގާޒީ ނިހާންގެ އިތުރުން ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. މުހުތާޒު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެ އަމުރު ބާތިލުކޮށް ހައިކޯޓުން ވަނީ އަލުން މުހުތާޒު ހައްޔަރުކުރުމަށް އަމުރުކޮށްފަ އެވެ. މުހުތާޒުގެ ބަންދަށް ހައިކޯޓުން ޖަހާދީފައިވަނީ 15 ދުވަހެވެ.

މުހުތާޒުގެ މައްޗަށް ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ހައްޔަރުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު، މައްސަލާގައި ތުހުމަތުކުރެވޭ މުހްތާޒް އިތުރު ބަޔަކާއި ބައިވެރިވެގެން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދުމަށްޓަކައި 2016 ފެބުރުވަރީ 7 ދުވަހުގެ ދަންވަރު 12:45 އެހައިކަށްހައިރު، ލޯންޗެއްގައި މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ގޮސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅިގެން، އެކޯޓު ހުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޔާމީން ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި "މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު"ގެ ނަމުގައި އޮތް ކޯޓު އަމުރުގައި ހައްޔަރުކުރުމަށް އޮތް ގ. ދޫވެހި/ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ދިވެހިދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ އަދި ސިފައިންގެ އެންމެ މަތީވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީއާއި ގާނޫނުން މުހިއްމު މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާކަމާއި، އެގޮތުން ދިވެހިދައުލަތުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކާއި ސިޔާދަތާއި އިސްތިގްލާލާ ގުޅުން ހުރި މުހިއްމު ނިންމުންތައް ނިންމުމުގެ އެންމެއިސް މަސްއޫލިއްޔާތު ހަވާލުކޮށްފައިވާ ފަރާތްކަން އެނގޭއިރު، ގާނޫނާއި ހިލާފަށް ކޯޓު އަމުރެއް ތައްޔާރުކޮށް އެއަމުރަކީ ސައްހަ އަމުރެއްކަމުގައި ދައްކައިގެން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސް އެޅޭފަދަ ގޮތަކަށް ގާނޫނާއި ހިލާފަށް މަސައްކަތް ކުރުމަކީ ދިވެހިދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާކުރިމަތިވުމުގެ ފުރުސަތު އޮތް އަދި މުޖްތަމައުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގެއްލި ދައުލަތުގެ ނިޒާމް އާންމަށް ބުރޫއަރައިގެން ދިއުމުގެ އިހުތިމާލު އޮތްކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.