ހަބަރު

ޒިކާ ވައިރަސްގެ ސްކްރީނިން އަންނަ ހަފްތާ ފަށާނަން: އެޗްޕީއޭ

  • ސާމްޕަލް ނަގަން ބޭނުންވާ ތަކެތި ގެންނަން ޖެހެނީ ބޭރުން
  • ސާމްޕަލްތައް ނެގުމަށް ފަހު ޓެސްޓް ކުރަނީ ބެންކޮކްގައި
  • މަދިރީގެ ބަލިތައް ފެތުރޭ ސަރަހައްދުތަކަށް އިސްކަން ދޭނެ

ހަލުވިކަމާއި އެކު ދުނިޔެއަށް ފެތުރެމުން އަންނަ ޒިކާ ވައިރަސް، ރާއްޖޭގައި ހުރިތޯ ބެލުމަށް ސްކީރިން ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަން ނިންމައިފަވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިވާ އިރު ރާއްޖޭގައި ޒިކާ ވައިރަސް ހުރިތޯ ބެލުމަށް މިދިޔަ މަހު ބެންކޮކްގެ ޓީމެއް ވަނީ ރާއްޖެ އައިސް ސްކްރީނިން ހަދާނެ ގޮތުގެ މައުލޫމާތު އެޗްޕީއޭ އަދި އައިޖީއެމްއެޗް ލެބްގެ ޓީމަކަށް ދީފައެވެ. ނަމަވެސް އަދި މިހާތަނަށް ސްކްރީނިންގެ މަސައްކަތް ވަނީ ނުފެށިފަ އެވެ.

އެޗްޕީއޭގެގެ އޮފިޝަލެއް "އަވަސް" އަށް ވިދާޅުވީ މިހާތަނަށް ކުރަމުން އައި މަސައްކަތަކީ ސްކްރީނިން ހެދުމަށް ޓީމުތައް ވާންޖެހޭ ތައްޔާރީތައް ވުން ކަމަށެވެ. އަދި މަސައްކަތަށް ކުޑަލަސްކަމެއް އަންނަނީ، ސާމްޕަލްތައް ނެގުމަށް ބޭނުންވާ ތަކެތި ބޭރުން ގެންނަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވީ ވިދާޅުވި އެވެ. މިހާރު އެތަކެތި އައުމުގެ މަގުމަތީގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާމްޕަލް ނަގަން ބޭނުންވާ ތަކެތި ރާއްޖޭގައި ނުހުރެ. އެގެންނަނީ ބޭރުން. އެތަކެތި ގެންނަން ލަސް ވެގެން މިހާތަނަށް މިމަސައްކަތް ނުފެށިފައި މި އޮތީ. ނަމަވެސް އަޅުގަނޑު މެން މިބަލަނީ ހަފްތާއެއް ތެރޭގައި މިމަސައްކަތް ފަށަން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި ޒިކާ އަކީވެސް ޑެންގީ ފަތުރާ އީޑީސް މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާތީ ސްކްރީނިން ހެދުމުގައި މަދިރިން ޖެހޭ ބަލިތައް އެންމެ ގަދަޔަށް ފެތުރޭ ސަރަހައްދު ތަކަށް ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށެވެ. އަދި މި ވައިރަސް ހުރި ކަމަށް ބެލެވޭ ނުވަތަ އެމަދިރިން ބަލިޖެހޭ މީހުންގެ ގައިން ސާމްޕަލް ނަގައި އެ ތަހުގީގު ކުރުމަށް ބެންކޮކަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ޒިކާ ވައިރަސް ތޯ ޓެސްޓު ކުރާ އެންމެ ދެތަން މި ރީޖަންގަ ވެސް އިންނަނީ. އެއީ އިންޑީއާގައި އެއްތަން. ދެން ބެންކޮކްގެ އިންސްޓިޓިއުޓެއް. އެހެން ކަމުން މީހުންގައިން ސާމްޕަލް ނަގައިގެން އަޅުގަނޑު މެން ފޮނުވާލާނީ ބެންކޮކަށް،" އޮފިޝަލް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖޭގައި ޒިކާ ވައިރަސް ހުރިތޯ ބެލުމަށް ބެންކޮކްގެ ޓީމެއް ފޮނުވީ ފިންލޭންޑްގެ މީހެއް ރާއްޖޭގައި ހުރުމަށް ފަހު އެނބުރިގައުމަށް ދިޔަ އިރު އޭނާ ގައިން ޒިކާ ވައިރަސް ފެނުމާއި ގުޅިގެންނެވެ. ނަމަވެސް ހެލްތު މިނިސްޓްރީ އިން ބުނެފައި ވަނީ އޭނާ އަށް ޒިކާ ވައިރަސް ޖެހުނީ ރާއްޖެއިން ކަން ޔަގީން ނުވާ ކަމަށެވެ.

ޒިކާ ވައިރަސް އަކީ އިންފެކްޓް ވެފައި ނުވަތަ ޒިކާ ވައިރަސް ޖެހިފަ ހުންނަ މަދިރި އިންސާނުންގެ ގައިގައި ހެފުމުން ޖެހޭ ބައްޔެކެވެ. އެބަލީގެ އަލާމާތްތަކަކީ ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގަ ރިއްސުމާ ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެއެވެ.

ސައިންޓިސްޓުން ޒިކާ ވައިރަސް ފުރަތަމަ ދެނެގަނެފައިވަނީ 1952 ގައެވެ. ނަމަވެސް މި ވައިރަސްގެ ސަބަބުން އޭރު ޖެހޭ ބަލިތަކަކީ މާ ސީރިއަސް ބަލިތަކެއް ނޫނެވެ. އެހެން ނަމަވެސް ބްރެޒިލްގައި މިދިއަ އަހަރުން ފެށިގެން އާއްމު ވެގެން އުޅޭ ޒިކާ ވައިރަސް ވަނީ މިހާރު މުޅި ދުނިިޔެ ބިރުގަންނަވާލާފައެވެ.