ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވައިފި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުން ތަކެއް އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް މިރޭ ސޮއިކުރެއްވުމަށްފަހު އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ގޮވާލެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެ ޕާޓީ ރޫޅާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފަ އެވެ.
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލަނަން. ތިކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" އާޓިފިޝަލް ބީޗްގައި ޑިމޮކްރެޓުންނާ އެކު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގައި ތިއްބެވުމަށްފަހު މަގާމު ދޫކުރައްވާ ޑިމޮކްރެޓުންނާ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ އަޒުމު ވަރުގަދަ، ތަބީއަތު ހަރުދަނާ އަހްލާގު ރަނގަޅު ބައެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.
"އެބޭފުޅުންނާ އެކު މިވާ ގޮތަކީ ކަށިކެޔޮގަނޑަށްވާ ގޮތް. ފޫވަށް ދިޔައީމާ ގަނޑު ރޫޅޭނެ. އެމްޑީޕީ އެދަނީ ރޫޅެން. ފޫވަށް ވެއްޓިއްޖެ. ފޫވަށް ގެއްލިއްޖެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދެވީ ފިކުރެއް، އުސޫލެއް ދިރުވަން ކަމަށެވެ. ހަޔާތުގެ ބޮޑު ބައި ހޭދަކުރަނީ އަނިޔާގައި، ހިތާމައާއި އެކަނިވެރިކަމުގައި ކަމަށްވެސް ވިދާޅުވި އެވެ.
އަބަދުވެސް އަމާޒަކަށްވީ އުސޫލެއް ހޯދަން. ގޮތެއް ހޯދަން. ދިވެހިންނަށް މިއަދު ލިބޭ މިންވަރަށް ވުރެ ރަނގަޅު މިންވަރެއް ދިވެހިންނަށް ލިބޭނެ ހަމަތަކެއްް އުސޫލުތަކެއް މިރާއްޖޭގައި ތައާރަފްކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ ހެދީ ރައްޔިތުން ބޭނުންވާ ފިކުރު ދިރުވާ ރައްޔިތުންނަށް އުފާވެރިކަން ތަނަވަސްކަން އިތުރުކޮށްދީ އެމީހުންގެ އާންމު ހާލަތު ރަނގަޅުކޮށްދިނުމަށް ކަމަށެވެ.
"ހަމަކަށަވަރުންވެސް އަޅުގަނޑު ހަމަގައިމުވެސް ސިޔާސީ ޕާޓީއެއް ހެދީ މިދެންނެވި ހަމަތައް އަޅުގަނޑުމެން ހިފެހެއްޓުމަށްޓަކައި. ތެދުވެރިކަން. އިހްލާސްތެރިކަން. އެއީ ގައުމަކަށް އެންމެ ބޭނުންވާ ހަރުމުދަލަކީ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ދޫކޮށްލެއްވީ އިންތިހާއަށް ހިތާމަކުރައްވަމުން ކަމަށެވެ. ނަމަވެސް އެ ނިންމުން ނިންމަވަން ފަސޭހަވީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން ދެއްވެވި ލަފާފުޅުން ހިތްވަރު ލިބިގެން ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑުގެ ދޮށީ އަންހެން ދަރިފުޅަށް 24 އަހަރު. އޭނާ ބުނީ ނޫން. ބައްޕަ އުޅުނީކީ ކުލައަކާ ރަށްޓެހިވެގެނެއް ނޫނޭ. ބައްޕަ އުޅުނީކީ ލަވައަކާ ގަޔާވެގެނެއް ނޫނޭ. ލޯގޯއަކަށް ހިތްކިޔައިގެނެއް ނޫނޭ. އަދި މަލަކަށްވެސް ފަތަކަށްވެސް މީގޭން އެހެން އެއްވެސް ކަމަކަށް ނޫނޭ. އަޅުގަނޑުމެން އުޅުނީ ފިކުރެއް ދިރުވާށޭ،" އެމްޑީޕީން ވަކިވެވަޑައިގަތުމުގެ ނިންމުން ނިންނެވި ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ޖަލްސާގެ ބައިވެރިންނަށް އަމާޒުކުރައްވާ ރައީސް ނަޝީދު ވަނީ ގަބޫލުކުރައްވާ ފިކުރު ދޫކޮށްނުލެއްވުމަށް ހުރިހާ ބޭފުޅުންނަށްވެސް ނަސޭހަތްތެރިވެވަޑައިގަންނަވާފަ އެވެ. އެމްޑީޕީން މަސައްކަތް ކުރީ ގޮތެއްގައި ހުންނަ ދިވެހި ރައްޔިތަކު ބިނާކުރަން ކަމުގައިވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ދެންވެސް ދަންނަވަން އޮތީ ގޮތް ދޫނުކުރައްވައްޗޭ،" ނަޝީދު އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދުގެ ރަހްމަތްތެރިންނަށް އެމަނިކުފާނު ދެންނެވީ "މިހާރު ތިތިއްބެވީ ގޯސްތަނުގައި" ކަމަށެވެ. ވަޒީފާއެއްގެ ބޭނުމަށް، ނުވަތަ ލިބޭ ލޯނެއްގެ ބޭނުމަށް އެބޭފުޅުން ގަބޫލުކުރައްވަމުން ގެންދެވި ގޮތް މިހާރު ދޫވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"މާއްދީ ތަނަވަސް ކަމަކަށް ގޮތް ދޫކޮށްނުލައްވާށޭ. އެ އަނބުރައެއް ނުލިބޭނެއޭ. އެސްއެމްއީ ބޭންކަކުން ނުލިބޭނެއޭ ތިމާގެ އުސޫލެއް. ލޯނެއް ލިބިދާނެއޭ. ދަރަންޏެއް ބޮލުގައި އެޅިދާނެ. ތެދުވެރި ދިރިއުޅުމެއް އެއީ އަކީ ބޭންކަކުން އަދި ލިބޭ ލޯނަކުން ވާކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.