ކޮޅުފުށި

ކޮޅުފުށީގެ ތިން މަޝްރޫއެއް ނިންމާ، އިފްތިތާހްކޮށްފި

މ. ކޮޅުފުށީގައި މިސަރުކާރުން ކުރިއަށް ގެންދިޔަ ތިން މަޝްރޫއެއް ނިންމާ، އިފްތިތާހްކޮށްފި އެވެ.

މި މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވީ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ކޮޅުފުށްޓަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރައީސް އިފްތިތާހް ކޮށްދެއްވި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ކޮޅުފުށީގެ ފެނުގެ ނިޒާމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގެ ފަސް ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލެވެ.

ދައުލަތުގެ ބަޖެޓުން 13.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ސްކޫލުގެ މަޝްރޫއު ފަށާފައިވަނީ މެއި 25، 2022 ގައެވެ. ފެނުގެ ނިޒާމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށާފައިވަނީ ނޮވެމްބަރު 28، 2018 ގައެވެ. މި ދެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 300 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މަޝްރޫއުތައް ނިންމާ، އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮޅުފުށި ކައުންސިލްގެ ރައީސް އަބްދުލްއަލީމް ވިދާޅުވީ ކޮޅުފުށްޓަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ ރައީސް ސޯލިހްގެ ސަރުކާރުން ކަމަށެވެ. އެގޮތުން މިސަރުކާރުގައި ކޮޅުފުށީގައި 13 މަޝްރޫއެއް ހިންގާއިރު މީގެތެރެއިން ތިން މަޝްރޫއެއް ނިމި، ހަ މަޝްރޫއެއް ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަލީމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ކޮޅުފުށްޓަށް ބެހެއްޓި ގާތްކަމާއި ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެރަށުން ރައީސް ސޯލިހަށް އަގުލަބިއްޔަތު ލިބޭނެ ކަމަށެވެ.

ކޮޅުފުށްޓަކީ މ. އަތޮޅުގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް ރަށެވެ. އަދި މިއީ 2004 ވަނަ އަހަރުގެ ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ރަށެވެ.