އަބްދުﷲ ޖާބިރު

ޖާބިރަށް މާލެ އަތޮޅުން ފަޅެއް ދީފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ސަރުކާރުން މާލެ އަތޮޅުން ފަޅެއް ދޫކޮށްފި އެވެ.

އަބްދުﷲ ޖާބިރު އާއި ޖާބިރުގެ ދަރިކަލުން މުހައްމަދު ޖާބިރުގެ ހިއްސާ އޮންނަ އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުންޏަށް ދޫކޮށްފައިވަނީ ގާފަރު ކައިރީގައި އޮތް ފަޅެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގާފަރު ކައިރީގައި އޮތް ފަޅެއް އެ ކުންފުންޏަށް ދޫކުރީ އއ. މަތިވެރި ފަޅުތެރޭގައި އޮންނަ މަތިވެރި ފިނޮޅުގެ ބަދަލުގަ އެވެ.

އެ ކުންފުންޏަށް ގާފަރު ކައިރީގައި އޮތް ފަޅެއް ދޫކުރީ މަތިވެރި ފިނޮޅު ސަރުކާރުގެ ބޭނުމަށް ނަގަންޖެހުމުންނެވެ. އެ ފިނޮޅު މަތިވެރީގެ އިހުތިސޯސްގެ ތެރޭގައި ހިމަނައިދިނުމަށް އެރަށު ކައުންސިލުން ވަނީ ސަރުކާރުގައި އެދިފަ އެވެ.

އެމްޑީޕީއަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ސޮއިކުރެއްވި ޖާބިރު ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.