ޑީއާރްޕީ

ޑީއާރުޕީ ވެސް މިނިސްޓަރު އަލީ ވަހީދު ދިފާއުގައި

ރާއްޖޭގެ ރިސޯޓްތަކުގައި ސާވިސް ޗާޖް ދޭ ގޮތާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ވެސް މިނިސްޓަރުގެ ދިފާއުގައި ވާހަކަ ދައްކަވައިފި އެވެ.

މިނިސްޓަރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އޭނާ ރޭ ވިދާޅުވެފައި ވަނީ މިނިސްޓްރީ އާއި ރިސޯޓު މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި މަސައްކަތްތެރިން ތަމްސީލު ކުރުމަށް އުފައްދައިގެން އުޅާ މޯލްޑިވްސް ލޭބާ އެންޑް ޝޯސަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އަޑީގައި އޮވެގެން ރާވައިގެން ކަމަށެވެ. އެ ކަން ޓީމް އިން ވަނީ ދޮގުކޮށް މިނިސްޓަރު އަލީ ވަހީދަށް ފާޑުކިޔަައި ވާހަކަ ދައްކައިފަ އެވެ.

ޑީއާރުޕީން ވަނީ ޓީމް އިން ދެއްކި ވާހަކަތަކަށް ރައްދުދީ ޓްވީޓެއް ކޮށްފަ އެވެ. ޑީއާރުޕީން ކުރި ޓްވީޓްގައި ބުނެފައި ވަނީ އަލީ ވަހީދަކީ މި ފަހުގެ ތާރީހެއްގައި އެންމެ ހަމަހަމަކޮށް ކަންކަން ހަމަޖައްސަމުން ގެންދަވާ ޓޫރިޒަމް މިނިސްޓަރު ކަމަށެވެ. އިންވެސްޓަރުންނާއި ޓޫރިޒަމްގެ މުވައްޒަފުންގެ މަސްލަހަތުގައި ވެސް މިނިިސްޓަރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އޭނާ ދިފާއުގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވެސް ވާހަކަ ދެއްކެވި އެވެ. ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރައިގެން ދިޔައީ އިންވެސްޓަރުން ނަގާފައިވާ ރިސްކްތަކާއެކު މަސައްކަތްތެރިންގެ މިންނެތް މަސައްކަތުން ކަމަށާއި، އެ އެންމެންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މިނިސްޓަރު އަލީ ވަހީދު މިދިޔަ އެއް އަހަރު ކާމިޔާބު މަސައްކަތެއް ކުރައްވާފައިވާ ކަމަށެވެ.

މިނިސްޓަރަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ގިނަ ރިސޯޓުތަކުގައި މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމަގައާއި ދިވެހި މުވައްޒަފުންގެ ނިސްބަތް ހިފަހައްޓާފައި މިންވަރު ރަނގަޅު ކަމަށެވެ. އެ ކަމާ ގުޅިގެން އޭނާގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު ގޮވާލައި ވަނިކޮށް އަލީ ވަހީދު ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި އޭނާ ދެއްކި ވާހަކަ ވެސް ސާފުކޮށްދީފަ އެވެ.

މިނިސްޓަރަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ބައެއް ލީޑަރުން ވެސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އަލީ ވަހީދު ދިފާއު ކުރައްވައި ވާހަކަ ދެއްކެވި އެވެ.