ހަބަރު

ނަޝީދު އަލީ ވަހީދުގެ ދިފާއު ކުރައްވައިފި

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖާ ގުޅޭ ގޮތުން ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަލީ ވަހީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފި އެވެ.

ދާދި ފަހަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވިދާޅުވީ ގިނަ ރިސޯޓްތަކުގައި މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމުގަ އާއި ދިވެހި މުވައްޒަފުންގެ ނިސްބަތް ހިފަހައްޓާފައި މިންވަރު ރަނގަޅު ކަމަށެވެ. އަދި ރިސޯޓަކުން މުވައްޒަފަކު ކަނޑާލާމުން ގިނަ ފަހަރު ޝަކުވާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަނީ ވެސް ވަގު އެކައުންޓްތަކުން ކަމަށެވެ.

މިނިސްޓަރުގެ އެ ވާހަކަތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތަށް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. އަދި ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި އޭގެ ޝުއޫރުތައް ހުންނަ ބޯޑުތަކެއް ހިފައިގެން މުޒާހަރާގައި ކުރާ ވީޑިއޯއެއް ވެސް ދަނީ ދައުރުވަމުންނެވެ.

އަލީ ވަހީދަށް ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވެފައި އޮތް ދަނޑިވަޅެއްގައި ކުރީގެ ރައީސް ކަން ވެސް ކުރެއްވި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދަކީ އެމްޑީޕީގެ ޗެއާޕާސަން ވެސް ކުރެއްވި ބޭފުޅެއް ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއި ވިސްނުން އޭނާއަށް ވަރަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން މިނިސްޓަރަށް އިތުބާރު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ހެޔޮ ބަދަލު އަންނާން ފަށާފައި، މިނިމަން ވޭޖާއި ސާވިސް ޗާޖް މައްސަލަ ވެސް ހައްލު ކުރެވޭނެ، މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރަން،" ނަޝީދުގެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ދެއްކެވި ވާހަކަތަކަށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް މެދުވެރިކޮށް އޭނާ ދެއްކެވި ވާހަކަތައް ސާފުކޮށްދީފަ އެވެ. އެ ބަޔާނުގައި ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ސާވިސް ޗާޖްދޭ ގޮތާ ގުޅޭ ގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ސީދާ މިނިސްޓަރު ވިދާޅުވެފައި ނުވާ ކަމަށެވެ.

ފާޑުކިޔުން އަމާޒުވުމާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ބައެއް ނޫސްތަކުން ހަބަރު ގެނެސްދީފައި ވަނީ މިނިސްޓަރުގެ މުޅި ވާހަކައިގެ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެއްވެސް ރައްޔިތަކަށް ނުތަނަވަސް ކަމެއް އިހުސާސްވެފައިވާނަމަ މައާފަށް އެދިވަޑައިގަންނަވާނަމަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.