ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރަން ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް ހަވާލު ކުރުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ވެސް ރިސޯޓެއް ތަރައްގީ ކުރަން ޖާބިރަށް އެ ރަށް ދިނެވެ. އެކަމަކު ކުރީގެ ސަރުކާރުން ވަނީ އެ ރަށް ޖާބިރުގެ އަތުން ނަގައިފަ އެވެ. އަދި 2015 ވަނަ އަހަުރ ކޯޓުން ޖާބިރަށް އެ ރަށް ދޭން ހުކުމް ކުރުމުން ވެސް މިހާތަނަށް ވެސް އެ ރަށް އޭނާ އޮތީ ހަވާލު ނުކޮށެވެ.
ޖާބިރުގެ ކުންފުންޏަކަށް މިއަދު އެ ރަށް ދިނުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޓޫރިސްޓު އަދި ރިސޯޓު ވިޔަފާރި ކުރަމުންދާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށާއި އެތައް ވަޒީރުންނެއް އޭނާ ދެކެވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އަލީ ވަހީދު ފަދަ އިންސާފުވެރި ވަޒީރެއް އޭނާ ދެކެވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑަކީ ރާއްޖޭގައި ޒަމާންތަކެއް ވަން ދެން ރިސޯޓް ވިޔަފާރި ކުރާ ވިޔަފާރިވެރިއެއް، ވަރަށް ގިނަ ވަޒީރުން ދެކެފީން، އެކަމަކު ސިޔާސީ ފިކުރަށް ބެލުމެއް ނެތި ހައްގަށް ޑެލިވާ ކުރާ، ތާރީހު ދުށް ނަންބަރު ވަން ވަޒީރަކީ އަލީ ވަހީދު، ޝުކުރުރިއްޔާ ވަޒީރު،" ޖާބިރުގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ކުންފުންޏަކަށް މިއަދު ބޮޑުމޮހޮރާ ދީފައިވާއިރު އަދި އެ ކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރަށް ޖާބިރު ތައުރީފު ކުރައްވާފައި މިވަނީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ބޮޑެތި ފާޑުކިޔުންތަކެއް އާންމުންގެ ތެރެއިން އަމާޒުވެ އަދި އެކަމަކުގައި ސަރުކާރާއި މަޖިލިސް ހިމޭނުން އޮތް ދުވަސްވަރެއްގަ އެވެ.