އަލީ ވަހީދު

އަލީ ވަހީދުގެ ޝަރީއަތް ހޯމަ ދުވަހު ބާއްވަނީ

Jun 16, 2021
2

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އަންނަ ހަފްތާ ޝަރީއަތުގެ މަޖިލީހެއް ބާއްވަން ތާވަލްކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލްކޮށް ހަސްމުންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށެވެ. ޕީޖީ އޮފީހުން ވެސް ވަނީ ހޯމަ ދުވަހު ޝަރީއަތެއް ބާއްވާން ކަން ޔަގީންކޮށްދެއްވާފަ އެވެ.

އަލީ ވަހީދުގެ މައްސަލާގައި މިމަހުގެ 10 ވަނަ ދުވަހު ވެސް ޝަރީއަތެއް ބާއްވަން ތާވަލް ކުރި އެވެ. އަދި އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު ވެސް އެދިވަޑައިގެންނެވި އެވެ.

ކްރިިމިނަލް ކޯޓަށް އަލީ ވަހީދު ފޮނުއްވި ސިޓީގައި އޮންލައިން ކޮށް ބައިވެރިވާން ހުށަހަޅުއްވާފައިވަނީ އޭނާގެ ސިއްހީ ފަރުވާ އަދި ވެސް ނުނިމޭތީ ކަމަށް ވިދާޅުވެފަ އެވެ.

ވީޑިއޯ ކޯލެއް މެދުވެރިކޮށް އަލީ ވަހީދު ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް ހުށަހަޅުއްވާފައި ވީނަމަވެސް އެއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ނޫނެވެ. އެހެންވެ ޕީޖީ އޮފީހުން ވަނީ އަލީ ވަހީދަށް އޮންލައިން ކޮށް ޝަރީއަތެއްގައި ބައިވެރިވާން ފުރުސަތު ދޭނަމަ އެކަން ކުރާ ގާނޫނީ ހަމަތަކާއި އުސޫލުތައް ސާފުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

ޕީޖީ އޮފީހުން ސާފުކުރަން ބޭނުންވާ މައުލޫމާތު ހޯމަ ދުވަހު ބާއްވާ ޝަރީއަތުގައި ސާފުކޮށްދޭނެ ކަމަށް ބެލެވެ އެވެ. އެއީ އޮންލައިން ޝަރީއަތަކަށް އަލީ ވަހީދަށް ފުރުސަތުދޭ ސަބަބާއި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އަށް (އަޑުބަރޭ) ޖާމިނުވުމަށް ހެދި އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން ފިޔަވަޅު އެޅުމުގެ މައްސަލަ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ޖޫން 9 އަކަށް ވަނީ ހަމަވެފަ އެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް

ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ