ހަބަރު

ބޮޑުމޮހޮރާ ވެސް "ގެއްލޭތީ" ރައްޔިތުން ކަންބޮޑުވެއްޖެ

ރިސޯޓް ތަރައްގީ ކުރުމަށް ވ. ބޮޑުމޮހޮރާ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިފި އެވެ. ބޮޑުމޮހޮރާއަކީ އެ ރަށުގައި މިހާރު އޮތް ހަމައެކަނި ފަޅު ރަށެވެ. އަދި އެންމެ ބޮޑު ވެސް ރަށެވެ.

އަތޮޅުގައި ފަޅު ރަށެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށް އެ އަތޮޅު ކެޔޮދޫއިން އިސްވެ މިހާރު ވަނީ ޕެޓިޝަނެއް ހަދާފަ އެވެ. މިހާރު ވެސް އެ ޕެޓިޝަންގައި 200 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު އަތޮޅުގެ ހުރިހާ ރަށަކުން ވެސް އެ ޕެޓިޝަނަށް ތާއިދު ކުރެ އެވެ.

ކެޔޮދޫ ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް މިއަދު އަވަސްއަށް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުމަކީ އެ ރައްޔިތުން އަރާލައި ޕިކްނިކް ހަދާލާނެ ފަޅު ރަށެއް އަތޮޅުގައި ނެތީމަ ކަމަށެވެ. މިހާރު އޮތް ރަށަކީ ބޮޑުމޮހޮރާކަން ފާހަގަ ކުރައްވައި ދެން އެ ރަށަށް ވެސް ރައްޔިތުންނަށް ނޭރޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ބޮޑުމޮހޮރާ ލިބުމާއެކު ޖާބިރު އިއްޔެ ވަނީ ޖެޓްސްކީއެއްގައި އެ ރަށަށް ވަޑައިގެންފަ އެވެ. ޖާބިރަށް އެ ރަށް 50 އަހަރަށް މި ސަރުކާރުން ދީފައިވާއިރު އެ ރަށުގައި "ޖާބިރު ހެޕީ ކުލަބް"ގެ ނަމުގައި ހިންގަނީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަތޮޅުގައި އޮތް ފަޅު ރަށްތަކެއް ކަމަށް ހުޅިދޫ، އަމްބަރާ އަދި ފަތްތެޔޮ ވެސް ވަނީ ޓޫރިޒަމަށް ދޫކޮށްފަ އެވެ. އެ ރަށްރަކަށް ވެސް ރައްޔިތުންނަކަށް ނޭރެ އެވެ.

އަހުމަދު ޔޫސުފް ވިދާޅުވީ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް އަދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅުއްވާނެ ކަމަށެވެ. އޭގެއިތުރުން އެކަމާ ގުޅިގެން އަންނަ ހަފުތާ ކެޔޮދޫ ކައުންސިލުން ގަރާރެއް ފާސް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ކޮންމެ ހަފުތާ ބަންދެއްގައި ވެސް ރައްޔިތުން އެބަ ބޭނުންވޭ ޗުއްޓީއަކަށް ގޮސްލަން، އެގޮތަށް ދާނެ މި އަތޮޅުގައި ދެން ނެތް، ހުރިހާ ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދިނީ، މިއީ ވަރަށް ބޮޑު ޝަކުވާއެއް،" އަހުމަދު ޔޫސުފް ވިދާޅުވި އެވެ.

އަހުމަދު ޔޫސުފް ވިދާޅުވީ އެ އަތޮޅަކީ ލޯކަލް ޓޫރިޒަމް ވަރަށް ފުޅާކޮށް ކުރިއަރަމުން އަންނަ އަތޮޅަކަށްވާއިރު ގެސްޓުން ގެންދާނެ ޕިކްނިކް ރަށެއް ނެތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އޭގެ ނޭދެވޭ އަސަރު ގެސްޓްހައުސްތަކަށް ކުރާނެ ކަމެއް ކަމަށެވެ.

"މި އަތޮޅުގެ ރައްޔިތުން ބޮޑަށް ބޭނުން ވަނީ ލޯކަލް ޓޫރިޒަމް ކުރިއަރުވަން، ގިނަ ޒުވާނުން ވަޒީފާގައި ވެސް އުޅެނީ ގެސްޓްހައުސްތަކުގައި، މި އަތޮޅުގެ ރިސޯޓްތަކުގައި މި އަތޮޅުގެ މީހުން ނޫޅޭނެ، އެއީ ގެސްޓްހައުސްތަކުން ލިބޭ އެއްޗެއް ރަނގަޅުވެފައި ރަށުގައި ތިބެވޭތީ،" އަހުމަދު ޔޫސުފް ވިދާޅުވި އެވެ.

ކެޔޮދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އަތޮޅުގައި ޕިކްނިކް ރަށެއް ހަދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށާއި އެހެންކަމުން އެ ރަށް ހަމަޖައްސައިނުދީ، ހުރިހާ ރަށެއް ރިސޯޓް ހަދަން ދިނުމުން ކަންބޮޑުވާ ކަމަށެވެ. ބޭނުންވަނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.