ޓޫރިޒަމް

178،159 ފަތުރުވެރިންނާއެކު 30 ޕަސަންޓް ކުރިއެރުމެއް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 178،159އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 30.9 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 136،146 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ އެ މުއްދަތުގައި 94،261 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރީ 172،536 ފަތުރުވެރިންނެވެ. ފެބްރުއަރީ ފުރަތަމަ ދުވަހު 5،623 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެގައުމުން 24،154 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އިންޑިއާއިން 19،390 ފަތުރުވެރިން އައިއިރު އިޓަލީ އިން 17،159 ފަތުރުވެރިން ރާއްޖެ އައެވެ.

އިނގިރޭސިވިލާތުން 15،367 ފަތުރުވެރިން ރާއްޖެ އައިއިރު ޖަރުމަނުން އައީ 10،897 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި ޖެނުއަރީ މަހު އެވަރެޖްކޮށް ދުވާލަކު 5،566 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭން މިހާރު 1،218 ތަނެއް ހިންގަ އެވެ. އޭގެ ތެރޭގައި 168 ރިސޯޓާއި 880 ގެސްޓްހައުސް އާއި 157 ސަފާރީ އުޅަނދު އަދި 13 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިން 59،840 އެނދު ހުރެ އެވެ.