ޗައިނާ

ޗައިނާގެ ފަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން މޫދުގައި އުޅޭއިރު ސަމާލުވުމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އަންގައިފި އެވެ.

އެމްބަސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭޕްރީލް މަހުގެ ކުރީކޮޅުއްސުރެ ޗައިނާގެ ތިން ރައްޔިތެއް ރާއްޖޭގައި ގެނބިގެން މަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އިތުރު ޗައިނާ މީހަކު ގެއްލުނުއިރު މިޔަރު ދަތްއެޅުމުން ޗައިނާ މީހަކު ރާއްޖޭގައި ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ.

އެމްބަސީން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ސިއްހީ ގާބިލްކަން ނިސްބަތުން ދަށް ކަމުންނާއި މޫސުން ގޯސްވެދާނެތީ ފަތުރުވެރިން މޫދުގައި އުޅޭއިރު އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ.

މިގޮތުން ވިއްސާރަ މޫސުމުގައި ކުއްލިއަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފްލައިޓް ނުވަތަ ފެރީތައް ލަސްވެއްޖެނަމަ ކެތްތެރިވުމަށްވެސް ލަފާދީފައިވެ އެވެ. އަދި މޫދަށް އެރެން ކަނޑަށް ދާނަމަ އޮއިވަރާއި ފުން ސަރަހައްދުތަކަށާއި މިޔަރަށް ސަމާލުވުމަށް އެދިފައިވެ އެވެ. އަދި އެކަނި ދަތުރުނުކުރުމަށްވެސް އެދިފައިވެ އެވެ.