އިންޑިޔާ އަތުން 3-2އިން މިއަދު ބަލިވި ނަމަވެސް ސައުތު އޭޝިއަން ގޭމްސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖެ ހިނގައްޖެ އެވެ.
ދެކުނު އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ގްރޫޕް އޭއިން އިންޑިޔާ އާއި ރާއްޖެ ސެމީން ޖާގަ ހޯދިއިރު ސެމީ އަށް ނުގޮސް ކެޓީ ލަންކާ އެވެ.
ކޮންމެ ގައުމަކަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ލަންކާ ކެޓީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕުގެ ކުރި ލިބުނީ ރާއްޖެ އަށެވެ. ދެ ވަނަ އިންޑިޔާ އަށެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ކުޅެން ޖެހޭ ޓީމެއް ކަށަވަރުވާނީ ގްރޫޕް ބީން ސެމީ އަށް ހޮވިފައިވާ ބަނގްލަދޭޝް އާއި ނޭޕާލް މާދަމާ ކުޅޭ މެޗު ނިމުމުންނެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލީޑް ނެގީ އިންޑިޔާ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި އިންޑިޔާގެ އުދަންތާ ލަނޑު ޖަހާފައިވަނިކޮށް ރާއްޖެ އަށް 10 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ މުރުތަލާ އަދުނާނެވެ. އިންޑިޔާގެ ދެ ވަނަ ލަނޑު ޖެހީ އޭގެ ދެ މިނިޓް ފަހުން ޕްރިތަމް އެވެ. ރާއްޖޭގެ ދެ ވަނަ ލަނޑަކީ އިންޑިޔާގެ ޕްރިތަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އިންޑިޔާގެ ތިން ވަނަ ލަނޑު ޖެހީ އުދަންތާ އެވެ.