މުހައްމަދު ނާޒިމް

އެންމެ ނިކަމެތި މީހާވެސް ފުދުންތެރި މީހަކަށް ހަދާނަން: ނާޒިމް

އެންމެ ނިކަމެތި މީހާވެސް ފުދުންތެރި މީހަކަށް ހަދާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ނާޒިމު ކުރިއަށް ގެންދަވާ ކެމްޕޭން ހަރަކާތެއް ކަމަށްވާ "އާސްކް ނާޒިމް" ގައި ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ރޭ ވަނީ އޭނާއަށް ރިޔާސީ އިންތިހާބުން ކާމިޔާބުވެއްޖެނަމަ ރާއްޖެއަށް ގެންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކާވާފަ އެވެ.

ނާޒިމު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު މިއަދު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އެގޮތަށް ދިމާވާ މައިގަނޑު ސަބަބަކީ ޑޮލަރުގެ އަގު އުފުލުން ކަމަށް ފާހަގަކުރެއްވި އެވެ. އެހެންވެ އޭނާގެ ވެރިކަމެއްގައި ޑޮލަރުގެ އަގު ދަށްކޮށް ފުދުންތެރިކަން އިތުރުކުރާނެ ކަމުގައި ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ރާއްޖޭގައި ތެލާއި ޑީސަލްގެ އަގު ހެޔޮކުރުމަށްޓަކައި ތެލުގެ ސްޓޯރޭޖްތައް ބޮޑުކޮށް ތެލުގެ ރިޒާވް އިތުރުކުރާނެ ކަމަށެވެ. އިންފްލޭޝަނުން އަރައިގަތުމަށްޓަކައި ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތަކަށް އަބަދުވެސް ތައްޔާރުވެ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަުގައިވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށްޓަކައި ޒުވާނުންގެ ފަންނުވެރިކަމާއި ހުނަރު ދިރުވާ އަލާކުރެވޭނެ ގޮތްތައް ހަމަޖައްސައިދީ ޒުވާނުންނަށް ފަސޭހައިން މަތީ ތައުލީމުގެ ފުރުސަތު ލިބޭނެ މަގުތައް ފުޅާކޮށްދެއްވާނެ ކަމަށެވެ. އަދި ދަރިވަރުން ކިޔެވުމަށް ނަގާ ލޯންތަށް ދެއްކޭނެ ފަސޭހަ ގޮތެއް އިންތިޒާމު ކޮށްދީ ކިޔެވުމަށް ނަގާ ލޯން މައާފްކުުރެވޭނެ އުސޫލެެއް ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް މުސާރަތަކުގައި ހަމަހަމަކަން ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ފަންނު ދަސްކުރަން ބޭނުންވާ ކުދިންނަށް ތަފާތު ކުރުމެއް ނެތި އެކަންވާނެ ގޮތް ހަމަޖައްސާދޭނަން،" ނާޒިމް ވިދާޅުވި އެވެ.

ސއްހީ ދާއިރާއާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ ދަރިން ހޯދުމަށް އެކި ފަރުވާތައް ކުރަން ބޭނުންވާ މީހުންނަށާއި އައިވީއެފް ހެދުމަށް ބޭނުންވާ ދިވެހިންނަށް އާސަންދަ މެދުވެރިކޮށް އެ ފަރުވާތައް އަދި އެ ހިދުމަތްތައް ހޯދޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

ނާޒިމު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަަލަ ހައްލުކުރެވޭނީ ރާއްޖޭގެ އިތުރު ހަތަރު ސަރަހައްދެއް މާލެއާ އެއްފެންވަރަށް ތަރައްގީކޮށްގެން ކަމަށެވެ. އެކަމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގެ އިޝާރާތެއް ކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖެއަށް ކުރިމަތި ވެފައިވާ ތިމާވެށީގެ މައްސަލަ ތަކަށް އަވަސް ފިޔަވަޅުތަކެއް އަމަލީ ގޮތުން އަޅުއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ. ބިދޭސީން މާލޭ އާއި ހުޅުމާލޭގައި އުޅެން ވަކި ސަރަހައްދެއް ބިނާކޮށް، ވިސާއާއި ނުލާ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމުގައިވެސް ނާޒިމު ވަނީ ވިދާޅުވެފަ އެވެ.