ހަބަރު

ތިނަދޫގައި އިސްލާމީ މަރުކަޒެއް އަޅަން އެމްއާރުޑީސީ އާ ހަވާލުކޮށްފި

ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދުގެ އެހީގައި ގދ. ތިނަދޫގައި އަޅާ އިސްލާމީ މަރުކަޒު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މިސްކިތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ނާޒިމް އެވެ.

ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރަން އެމްއާރުޑީސީ އާއި ހަވާލުކުރީ 34.5 މިލިއަން ރުފިޔާ އަށެވެ. އެ ފައިސާ ހަރަދުކުރާނީ ސައޫދީ ސަރުކާރުންނާއި ރާއްޖޭގެ ސަރުކާރުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަހުމަދު ޒިޔާދު ވިދާޅުވީ، ތިނަދޫގެ އިސްލާމީ މަރުކަޒަކީ މާލެއިން ބޭރު ރަށެއްގައި ބިނާކުރާ ފުރަތަމަ އިސްލާމީ މަރުކަޒަށް ވުމުން އެކަން ވަރަށް ބޮޑަށް ހާއްސަ ވެގެންދާ ކަމަށެވެ. ހާއްސަ ގޮތެއްގައި އެއީ ތިނަދޫގެ ރައްޔިތުންނަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާއިރު، މި މަސައްކަތުގައި ރައީސްގެ އިސްނެންގެވުން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށާއި ސައޫދީ ރަސްގެފާނު ރާއްޖެއާ މެދު ބަހައްޓަވާ ގާތް ގުޅުން ވެސް ފާހަގަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގދ. ތިނަދޫގައި އަޅާ އިސްލާމީ މަރުކަޒަކީ 2000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ މިސްކިތެކެވެ. އެ އިމާރާތުގައި، 500 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، 30 މީހުންގެ ޖާގައިގެ ހަތަރު ކްލާސްރޫމްގެ އިތުރަށް ވުޟޫކުރާ ސަރަހައްދެއް ހުރެ އެވެ.

ސައޫދީ ސަރުކާރުގެ ފަރާތުން ވާހަކަފުޅު ދެއްކެވި އޮފިޝަލަކު ވިދާޅުވީ، ސައުދީ އަރަބިއާއި ރާއްޖެއާ ދެމެދު އުފެދިފައިވަނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. އެހެން ކަމުން އެ ގުޅުން، ފައިދާހުރި ގޮތުގައި ބޭއްވުމަށް ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން ހަރުދަނާ ކުރުމަށް ސައުދީއިން ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީން ވަނީ، ސައުދީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ހަތަރު ފޮތެއް ވެސް ނެރެފައެވެ. އޭދެ ތެރެއިން ދެ ފޮތަކީ، ސައޫދީ އަރަބިއާގެ ދީނީ އިލްމުވެރިއަކު ލިޔުއްވި ދެ ފޮތެކެވެ. އެ ދެ ފޮތް ރާޢްޖޭގައި ބޭނުންކުރުމަށް ވަނީ ދިވެހި ބަހަށް ތަރުޖަމާކޮށްފަ އެވެ. އަނެއް ދެފޮތަކީ ރާއްޖޭގައި އެންމެ ފަހުން ބޭއްވި ދެ އިސްލާމީ މަހާސިންތާގައި ދީނީ އިލްމުވެރިން ހުށަހެޅި ކަރުދާސްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ.