ރާއްޖެ ކުޅިވަރު

ބަކާ ވެލެންސިއާ އަށް

Feb 10, 2016

އިތުބާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވެލެންސިއާ އަށް ކުޅެން ނިންމައިފި އެވެ.

ކުރިއަށް އޮތް ސީޒަނުގައި ވެލެންސިއާ އަށް ކުޅެން ނިންމައި އޭނާ ވަނީ މިއަދު އޮތް ވެލެންސިއާގެ ފަރިތަކުރުންތަކަށް ވެސް ނުކުމެފަ އެވެ.

ކުރިން ވެސް ވެލެންސިއާ އަށް ކުޅުނު ބަކާ މިދިޔަ އަހަރު ކުޅުނީ މިޔަންމާގެ ކެބީޒެޑަށެވެ. އޭނާ އަކީ އަންނަ ސީޒަނަށް ވެލެންސިއާ ވަރުގަދަ ކުރަން ގެނައި ފަސް ވަނަ ކުޅުންތެރިޔާ އެވެ.

ބަކާ ގެނައުމުގެ ކުރިން ވެލެންސިއާ އިން ވަނީ އެ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ނިއުގެ ޝާފިއު އަހުމަދާއި އީގަލްސް އާއި ގައުމީ ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ނިއުގެ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އީގަލްސް އަށް ކުޅުނު ހަސަން އަދުހަމް (ސަޑޭ) ވެސް ގެންގޮސްފަ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ބަކާ އަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ.