ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުން "ފަސޭހަ ވިޔަފާރި" ސިޔާސަތާއެކު 36 ރަށަށް

ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު މިއަދު 36 ރަށެއްގައި އިފްތިތާހުކުރުމަށް ނިންމައިފި އެެވެ.

މިސިޔާސަތު އިފްތިތާހްކޮށް ޕްރޮމޯޓް ކުރުމަށް ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދަ ޑިމޮކްރެޓްސްގެ ޓީމުތަކެއް މިއަދު ވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުތަކެއް ފަށާފަ އެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ބ. އަތޮޅުގަ އެވެ. ޑިމޮކްރެޓުންގެ ޓީމުތަކުގައި ޕާޓީގެ މަޖިލީސް މެމްބަރުންނާއި ވަގުތީ ކައުންސިލް މެމްބަރުންނާއި ޕާޓީގެ ބައެއް އާންމު މެންބަރުންވެސް ހިމެނެ އެވެ.

ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު އިފްތިތާހުކުރުމުގެ ބޮޑު ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ތުޅާދޫ ގައެވެ.

ޑިމޮކްރެޓުން ޓީމުތައް ހަރަކާތްތެރިވާ ރަށްތައް:

  • ހއ. ހޯރަފުށި އަދި ދިއްދޫ
  • ހދ. ކުޅުދުއްފުށި އަދި ހދ. ވައިކަރަދޫ
  • ށ. ބިލެތްފަހި، ށ. މިލަންދޫ އަދި ށ. ކޮމަންޑޫ
  • ނ. ކެނދިކުޅުދޫ އަދި ނ. ކުޑަަފަރި
  • ރ. އުނގޫފާރު، ރ. ދުވާފަރު އަދި ރ. މަޑުއްވަރީ
  • ބ. ތުޅާދޫ
  • ޅ. ނައިފަރު އަދި ޅ. ކުރެންދޫ
  • ކ. މާފުށި، ކ. ގުރައިދޫ
  • މާލެ ސިޓީ
  • އއ. ރަސްދޫ، އއ. ތޮއްޑޫ، އއ. އުކުޅަސް، އއ. މާޅޮސް އަދި އއ. ހިމަންދޫ
  • އދ. މާމިގިލި އަދި އދ. މަހިބަދޫ
  • ވ. ކެޔޮދޫ
  • ފ. ބިލެތްދޫ އަދި ފ. މަގޫދޫ
  • ދ. ކުޑަހުވަދޫ
  • ތ. ގުރައިދޫ
  • ލ. ގަން އަދި ލ. އިސްދޫ
  • ގއ. ވިލިނގިލި، ގއ. ދާންދޫ އަދި ގއ. ގެމެނަފުށި
  • ފުވައްމުލަކު ސިޓީ
  • އައްޑޫ ސިޓީ

ދަ ޑިމޮކްރެޓްސްގެ މުހިއްމު ސިޔާސަތެއް މިއަދު އިފްތިތާހް ކުރާއިރު އެ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. އަދި ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީ އަކުން ކަމަށާއި މި ހަފްތާ ޕްރައިމަރީ އިއުލާން ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓަށް އަދި އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް ނަޝީދު އެވެ.