ރިޔާސީ އިންތިހާބު 2023

ގާސިމާއި ނާޒިމު ބައްދަލުކުރައްވައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހުރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވަނީ މި ބައްދަލުުވުމުގެ ފޮޓޯއެއް ޓްވީޓް ކުރައްވާފަ އެެވެ.

ނިހާން ވިދާޅުވީ ގާސިމާއި ނާޒިމު ބައްދަލުކުރެއްވީ ގާސިމްގެ އަމިއްލަ ރިސޯޓް -- ވިލާ ޕާކު (ކުރީގެ ސަން އައިލެންޑް ރިސޯޓު)ގައި ކަމަށެވެ.

މިބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ޖޭޕީއާއި އެމްއެންޕީން ހިއްސާކޮށްފައެއް ނުވެ އެވެ.

ގާސިމު އިބްރާހީމް މީގެކުރިން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމްޑީޕީ، ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސްގެ އިސްވެރިންނާ ވެސް ބައްދަލުކުކުރައްވާފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.