ވިޔަފާރި

ދިރާގުން 24 ގަޑިއިރުގެ ލައިވް ޗެޓްގެ ހިދުމަތް ތައާރަފްކޮށްފި

ދިރާގުގެ ކަސްޓަމަރުންނަށް ކަސްޓަމާ ސާވިސް އޭޖަންޓުންނާއި 24 ގަޑި އިރު ލައިވް ޗެޓް ކުރުމުގެ ހިދުމަތް ދިރާގުން ތައާރަފް ކޮށްފި އެވެ.

މި ހިދުމަތަކީ މިހާރު ދިރާގުން ދެމުންގެންދާ 123 ގެ ހިދުމަތް ޒަމާނީ ގޮތަކަށް، ބަދަލުކޮށް އޮންލައިންކޮށް ދިރާގުގެ މުވައްޒަފަކާ 'ޗެޓް' ކޮށްލައިގެން އެ ކަސްޓަމަރެއް ބޭނުންފުޅުވާ ހިދުމަތެއް ނުވަތަ އެނޫންވެސް ދިރާގާއި ގުޅުންހުރި މައުލޫމާތެއް ހޯދައި ދިމާވާ މައްސަލަތަކާއި ދަތިތައް މިހާރަށް ވުރެ ފަސޭހައިން ވީހާ ވެސް އަވަހަކަށް ހައްލު ކުރުމަށް ހުޅުވާލި ފުރުސަތެކެވެ.

ދިރާގުން މި ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައިއެކުންފުނީގެ ކޮންޓެކްޓް ސެންޓާ މެނޭޖަރު މުހައްމަދު އަޒްލީމް ވިދާޅުވީ ލައިވްޗެޓް ހިދުމަތް ދިނުމަށް ދިރާގުން މުވައްޒަފުން ތަމްރީން ކޮށްފައި ވާނެ ކަމަށާއި މީގެ ސަބަބުން ކަސްޓަމަ ސާވިސް އިތުރަށް ފުޅާވެ، އެބޭފުޅުން ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މި ހިދުމަތާއި އެކު ކަސްޓަމަރުންނަށް 123 އަށް ގުޅުމުގެ އިތުރުން އެހެން އޮޕްޝަނެއްވެސް މިވަނީ ހުޅުވިގެންގޮސް،" އަޒްލީމް ވިދާޅުވި އެވެ.

މި ހިދުމަތް ބޭނުންކުރެއްވުމަށް ދިރާގުގެ ވެބްސައިޓުގެ ހޯމްޕޭޖުގެ މަތީގައިވާ "ލައިވްޗެޓް" އަށް ފިތާލުމަށް ފަހު ނަމާއި އީމެއިލް އެޑްރެސް ޖެއްސެވުމުން، އެ ވަގުތު ޑިއުޓީގައި އިންނަ ކަސްޓަމަ ސާވިސް އެޖަންޓަކާ ޖަވާބުދޭނެ އެވެ. އަދި އެ މުއައްޒަފަކާއި ދިވެހިބަހުން އަދި އިނގިރޭސިން ބަހުންވެސް މުއާމަލާތުކޮށްގެން އެ ކަސްޓަމަރަކު ބޭނުންވާ މައުލޫމާތެއް ލިބިގަނެވޭނެ ކަމަށް ދިރާގުން ބުންޏެވެ.