ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީ މަސްލަހަތު އިސްކުރެއްވުމަށް ރައީސް އެދިވަޑައިގެންފި

ކޮންމެ ކަމެއްގައިވެސް ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިކަމަށް އެދިވަޑައިގަތީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާގައި ފޮނުއްވި ހިތާބު ގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ހިޖުރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިއްމު އެއް މަގުސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުން އަބަދުވެސް ހަނދާންކުރަން ޖެހޭ ކަމަށެވެ.

މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖުރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެހެންވެ ހިޖުރީ އާ އަހަރެއް ފެށޭ މި މުނާސާބާ ފާހަގަކުރާއިރު އެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލްކުރެއްވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުމަށް މިސްރާބު ހިފަންޖެހޭ ކަމަށެވެ.

ރައީސްގެ ހިތާބުގައި ވަނީ ހިޖުރީ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށްވެސް ފޮނުއްވާފަ އެވެ. މިފެށުނު ހިޖުރީ އާ އަހަރަކީ ދިވެހިންނަށާއި ރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައިވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.