ކޮންމެ މީހަކުވެސް ބަނޑުހައިވެފައި ހުންނަ ވަގުތު ބޭނުންވާނީ ވީހާވެސް އަވަހަށް މީރު އެއްޗެއް ތައްޔާރުކޮށްލައި ވަގުތުން ހައި ފިލުވާލާށެވެ. ގިނަ ފަހަރަށް ހައިވެގެން ރުޅިގަދަ ވާއިރުވެސް އެއްޗެއް ކައްކައި ތައްޔާރު ނުކުރެވޭ އިރު އަނެއްބައި ފަހަރު އަވަސް އަރުވާލައިގެން ކައްކާ އެއްޗެހި އަނގައަށް ލާން ކެރޭވަރެއް ނުވެ އެވެ. މިފަދަ ދަތި އުފުލަންޖެހޭ މީހުން ކުޅުދިޔައި ކޮށްދިނީ 2011 ވަނަ އަހަރުގެ ފަހުކޮޅު މިފްކޯ އިން އުފެއްދި "ފަސްމީރު ލައިފް ސްޓައިލް" ޕްރޮޑަކްޓްތަކުންނެވެ.
ދިވެހި ކަނޑާ އެންމެ ރައްޓެހި މިފްކޯ އަކީ ޒަމާނުއްސުރެއް ތާޒާ މަހުގެ އުފެއްދުންނަށް ދިވެހިންނަށް ފޯރުކޮށްދޭ ކުންފުންޏެވެ. މިފްކޯގެ ފަސްމީރު ޕްރޮޑަކްޓްސްތަކުގެ ތެރެއިން މަސްދަޅުގެ ބާވަތްތަކަކީ ހުރިހާ ބަދިގެއަކުން ފެންނަ ދަޅެކެވެ. ނަމަވެސް އެކުންފުނީގެ ޕްރޮޑަޓު ރޭންޖުތައް އިތުރަށް ފުޅާކޮށް ނެރުނު ލައިފް ސްޓައިލް އަކީ ޒަމާނަށް ފެތޭ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުން އުފެއްދުމެކެވެ.
ސަބަބަކީ ލައިފް ސްޓައިލް ކޮންމެ ޕްރޮޑަކްޓެއްވެސް ހަދާފައި ހުންނަނީ މައިކްރޮވޭވްއަށްލައި ހޫނުކޮށްލައިގެން ވަގުތުން ކާލެވޭ ގޮތަށެވެ. ޒަމާނަށް ފެތޭ ގޮތަށް، ކަސްޓަމަރުންނަށް ބޮޑެތި ލުއި ތަކެއް ލިބިގެން ދިޔަ މި ޕްރޮޑަކްޓް އުފައްދަނީ މިފްކޯގެ ގިނަ ޕްރޮޑަކްޓްސް އުފައްދާ މިރަށް، ކަނޑުއޮތްގިރީގަ އެވެ.
"ލައިފް ސްޓައިލް އުފެދިގެން އައީ އަޅުގަނޑުމެންގެ ސީއީއޯ އަދްލީ އިސްމާއިލްއާއި އޭރުގެ މެނޭޖިން ޑިރެކްޓަރާ ދެމީހުން ނަސަންދުރާއިން ދިމާވެގެން ވަރަށް ކުރިން ދެއްކި ވާހަކަ އަކުން. ދެން މާފަހުން އަދްލީ އެކަން ސީރިއަސްކޮށް ނަގައި ކާއެއްޗެހި ބަނދުކޮށް ކިހާދުވަހަކު ބެހެއްޓޭތޯ ބަލައި މަސައްކަތް ފެށީ. ދެން އޭގެ ފަހުން ނަސަންދުރާ ބަނދު ކުރުމުން އަޅުގަނޑު މިފްކޯއަށް ޖޮއިން ކުރުމަށްފަހު އެހާ ހިސާބުން މި ޕްރޮޑަކްޓު ތައާރަފް ވެގެން އައީ. ލައިފް ސްޓައިލް މި ނަން މިފްކޯ އިން ދިނީ މި އުފެއްދުމާއި މީހުންގެ ދިރި އުޅުމާއި ވަރަށް ގުޅޭތީ ކަންނޭނގެ. އެއީ ލަސް ވެގެން ނުކައި ހުރުމުގެ ބަދަލުގައި މައިކްރޮ ވޭވް އަށް ލާ ވަގުތުން ހޫނުކޮށްލައި، ތާޒާ ކަންމަތީ މީރު ކެއުމެއް ލިބޭނެތީ،" ލައިފް ސްޓައިލް އުފެއްދުންތައް ތައްޔާރުކުރާ މިފްކޯގެ އިސް ކައްކާ ނަހީޒް އަބްދުލް ގަފޫރު ވިދާޅުވި އެވެ.
ޒަމާނާ ގުޅޭ ގޮތަށް އުފައްދާފައިވާ ލައިފް ސްޓައިލްގެ އުފެއްދުން ތަކުގެ ތެރެއިން އެންމެ ފުރަތަމަ މާކެޓަށް ނެރުނީ 22 ވައްތަރެކެވެ. ނަމަވެސް މިހާރު މީހުނަށް މަގުބޫލު އަދި އެންމެ ހިނގައި ބާވަތްތައް ބަލައި އެއަށް ބޮޑަށް ފޯކަސް ކުރަމުންދެ އެވެ.
ފަސްމީރު ލައިފް ސްޓައިލްގެ ބާވަތްތައް
- ކުޅި މަސް
- ހަނާކުރި މަސް
- ކަނޑުމަހު މުސަންމާ
- ޓޫނާ މީލް އިން ބާބަކިއު ސޯސް
- ޓޫނާ މީލް އިން ހޮޓް ބަޓާ ސޯސް
- ޓޫނާ އިން ބްލެކް ޕެޕާ ސޯސް
- ބްލެކް ޕެޕާ ސޯސް ފިޝް
- ޗިލީ ފިޝް
- ޓޫނާ އިން ޑެވިލްޑް ސޯސް
- ކަނޑު ކުކުޅު
- މަޑަގަސްކާ ސޯސް ފިޝް
- ސްޕެނިޝް ރައިސް ވިތް ކަންކުން
- ބާބަކިއު ކަބާބްސް
- ޗިލީ ޕޭސްޓު
- ފްރޯޒަނ ޕިއްޒާ
- ޕާސްތާ ސޯސް
- ޕިއްޒާ ސޯސް
- ސަބްމެރިން ފިލިން
- ޓޫނާ ލަޒާނިޔާ
"މި ހުރިހާ ބާވަތެއްގެ ތެރެއިން އެންމެ ހިނގަނީ ލަޒާނިޔާއާއި ސްޕެނިޗް ރައީސް ދެން ހޮޓް ބަޓާ ސޯސް. ދެން ރިހަ ތަކުތެރެއިން އެންމެ ބާރު ސްޕީޑެއްގައި ވިކެނީ ޑެވިލް ކުޅިމަހާ ހަނާ ކުރި މަސް. ދެން މުސަންމާ އެއްޗެހިވެސް ގިނަ ބަޔަކަށް ކަމުދޭ،" ނާހިޒް ވިދާޅުވި އެވެ.
މަސް ހިއްކުން، ކަންނެލި ޗިލް ކުރުން އަދި މަހުގެ ގިނަ މަސައްކަތްތަކެއް ކުރާ ކަނޑުއޮތްގިރީގައި ލައިފް ސްޓައިލް އުފައްދަމުން އަންނަނީ ތިން މީހަކު ވެގެނެވެ. ލައިފް ސްޓައިލްގެ އިތުރު ބާވަތްތަކެއް ބާޒާރަށް ނެރެން އެކުންފުނިން މަސައްކަތް ކުރަމުންދެ އެވެ.