ވިޔަފާރި

ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފު ކުރަނީ

Nov 19, 2016
1
  • ރާއްޖޭގެ ބައެއް ސަރަހައްދުތަކުން މި ބޭނެ
  • ޖަޕާނުގެ ބާޒާރުގައި އެންމެ އަގު ބޮޑު މަސް
  • ރަނގަޅު އަގުގައި ވިއްކާލެވޭނެ ޕްރޮޑަކްޓެއް

ދުނިޔޭގެ ބާޒާރުގައި ބޮޑު އަގު ލިބޭ "ޑައިމޮންޑްބެކް ސްކުއިޑް" ބޯވަ ދިލަ މަސް ބޭނުން، މަސްވެރިކަމެއްގެ ގޮތުގައި ރާއްޖެ އަށް ތައާރަފު ކުރަން، ފިޝަރީޒް މިނިސްޓްރީން ޕައިލޮޓް ޕްރޮޖެކްޓެއް ފަށައިފި އެވެ.

މޫދު ކާނާ، ނުވަތަ ސީފުޑްގެ ބާޒާރުގައި ދުނިޔޭގައި އެންމެ ބޮޑު އަގު ލިބޭ ބޮޑެތި ބޯވަދިލަ މަސް ބޭނުން، މަސްވެރިކަމެއްގެ ގޮތުގައި ތައާރަފު ކުރުމުގެ ގޮތުން ޖައިކާގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ވަނީ ހާއްސަ މަސައްކަތް ތަކެއް ކޮށްފަ އެވެ. މިގޮތުން ބާނާފައިވާ ބައެއް ބޯވަދިލަ މަސް ބުރާސްފަތި ދުވަހު ވަނީ މިފްކޯ ކަނޑު އޮތް ގިރީގައި ދައްކާލާފަ އެވެ.

މި މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފިޝަރީޒް މިނިސްޓްރީން ތަހުލީލުތައް ހެދުމަށްފަހު ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑު އަގު ލިބޭ "ޑައިމޮންޑްބެކް ސްކުއިޑް" ވަނީ ބާނާފަ އެވެ. މިގޮތުން ކ. އަތޮޅުން ފެށިގެން ރާއްޖޭގެ ބައެއް ހިސާބުތަކުން މި ބާވަތުގެ 11 ބޯވަ ދިލަމަސް ބާނާފައިވެ އެވެ. މި ބާވަތުގެ ބޯވަދިލަ މަހަކީ ޖަޕާނު މީހުން ކެއުމުގައި އެންމެ މުހިންމު އެއް ބާވަތް ކަމަށްވާ "ސުޝިމީ" އާއި "ސުޝީ" ތައްޔާރު ކުރާ އެއް މަހެވެ.

މި މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޖައިކާގެ އޮފިޝަލަކު ވިދާޅުވީ ޑައިމޮންޑްބެކް ސްކުއިޑަކީ އާއްމު ބޯވަ ދިޔަ މަހާ ތަފާތު އެއްޗެއް ކަމަށެވެ.

ޑައިމޮންޑްބެކް ސްކުއިޑް

  • ކިލޯއެއް 30 ޑޮލަރަށް ވިއްކާލެވޭ
  • ބާނަކި 500 މީޓަރު އަޑިން
  • 100 ސެންޓިމީޓަކަށް ބޮޑުވޭ

"މި ބާވަތުގެ ބޯވަދިލަ މަސް މުޅިން ތަފާތު ވާނެ. ރަހަ ވެސް ތަފާތު ވާނެ. މީގެ އެންމެ ރަނގަޅު ކަމަކީ މިބާވަތުގެ ބޯވަދިޔަ މަހުގެ އުކާލަން ޖެހޭ ބައި މަދުކަން. ގާތްގަނޑަކަށް އުކާލަން މި ޖެހެނީ 20 ޕަސެންޓަށްވުރެ ކުޑަ މިންވަރެއް،" އޮފިޝަލް ވިދާޅުވި އެވެ.

މި ބާވަތުގެ ބޯވަދިލަ މަސް ކިލޯއެއްގެ އަގު ޖަޕާނުގެ ބާޒާރުގައި އުޅެނީ އާއްމު ގޮތެއްގައި ކިލޯއެއް 30 ޑޮލަރު (ގާތްގަނޑަކަށް 462.6ރ.) އަށެވެ. މި ބާވަތުގެ މަހުގެ ތެރޭގައި 100 ސެންޓިމީޓަރު (ގާތްގަނޑަކަށް ތިން ފޫޓު) ގެ ދިގު އަދި 30 ކިލޯގެ ބަރުދަން ހުރި މަސް ވެސް ދިރިއުޅެ އެވެ. އަދި މި ބާނަނީ ގާތްގަނޑަކަށް 500 މީޓަރު ފުނުންނެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މި ބާވަތުގެ ބޯވަދިޔަ މަސް ބޭނުމަށް ބޭނުންކުރާ ހާއްސަ ނަނު ބައި ވެސް ދައްކާލާފަ އެވެ. އާއްމުކޮށް ބޯވަދިލަ މަސް ބާނަން ބޭނުންކުރާ ބުޅިފަތި އަރުކޮށްފައިވާ މި ނަނު ބައިގެ ހާއްސަ ކަމަކީ ވަކި ހިސާބެއްގައި ފްލޮރިޒެންޑް ލައިޓެއް ހަރުކޮށްފައި ހުރުމެވެ. މި ލައިޓުގެ ބޭނުމަކީ އޭގެ އަލިން ބޯވަދިލަ މަސް ބާނާ ބުޅި ދިއްލައިލުމެވެ. އަދި މި އަލީގެ ސަބަބުން ބޯވަދިލަ މަސް ދަހިވެގެން އެން ކޮޅެއް ކަމަށް ބަލައި، ބުޅީގައި ހިފާނެ އެވެ. މި ނަނުގެ އަނެއް ހާއްސަ ކަމަކީ އާއްމުނަނު ތަކާ ހިލާފަށް ނަނުބައިގެ ވަކި ހިސާބެއް ދެވޭ ގޮތަށް ހުރުމެވެ. ބޭނުމަކީ މި ދެމުމުގެ ސަބަބުން ބޯވަދިލަ މަހުގެ ފައިތައް ނައްޓާލުން ފަދަ ކަމަކުން ސަލާމަތް ކުރުމެވެ. ސަބަބަކީ ބޯވަ ދިލަ މަހަކީ ފަހަތަށް ލަކި ޖަހާ އެއްޗަކަށްވުމެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި މަސައްކަތް ފަށާފައިވަނީ، ޑައިމޮންޑްބެކް ސްކުއިޑް، ބޯވަދިލަ މަހުގެ ބިސް ހުރި ސަރަހައްދު ފާހަގަ ކުރުމަށްފަހު ކަމަށެވެ. އަދި މިއީ މަސްވެރިކަމެއްގެ ގޮތުގައި ރާއްޖެއަށް ތައާރަފު ކުރެވިދާނެ ކަމެއްކަން އެނގޭނީ މި މަސައްކަތް ނިމުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.