ދިރާގު

ބެކް ޓު ސްކޫލު ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެ

Jul 19, 2023

މަމްސް އެއިޑްގެ "ބެކް ޓު ސްކޫލު 2023" ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

ދިރާގުން ބުނި ގޮތުގައި "ބެކް ޓު ސްކޫލު 2023" ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވެފަ ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.

މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މީހުންވެސް ވެސް ހިމެނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭނެ އެވެ.

އެގޮތުން ދިރާގުގެ އެހީތެރިކަމާއެކު މި ޕްރޮގްރާމުގައި މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ކީ ސްޓޭޖު ތިނެއް އަދި ހަތަރެއްގެ ދަރިވަރުންނަށް މިތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފަ ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ.

މަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނާޝިޕް މަގުސަދަކީ އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމެވެ.