އިހަވަންދޫ

އިހަވަންދޫގެ ހަތަރު މަޝްރޫއެއްް އިފްތިތާހުކޮށްފި

Jul 19, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހއ. އިހަވަންދޫގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިއަށް ގެންދިޔަ ގިނަ މަޝްރޫއުތަކެއް މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.

އެގޮތުން ރައީސް ވަނީ މިއަދު އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފަ އެވެ.

އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިމަޝްރޫގެ ދަށުން ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެ އެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ހަދާފައިވެ އެވެ. އަދި މިމަޝްރޫއުގެ ދަށުން ނެރު ބައްތި އާއި، ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ވަނީ ހަދާފައިވެ އެވެ.

އިހަވަންދޫގައި އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތަކީ، އެއްފަހަރާ 50 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އޮފީސް އިމާރާތެކެވެ.

އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިންމާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އަދި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު އިމާރާތްކޮށްފައިވަނީ ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މިކޮމިއުނިޓީ ސެންޓަރަކީ ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމިއްޔާތަކަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ސެންޓަރެކެވެ.