މަސްވެރިން

މަސްވެރިކަން ތަރައްގީކުރުން އަމިއްލަ ފަރާތްތަކަށް އެއްކޮށް ދޫކުރެވޭކަށް ނެތް: ރައީސް

މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަން ވާނީ ސީދާ ސަރުކާރުން ކަމަށާއި އެ ދާއިރާގެ ތަރައްގީއާ ގުޅޭ ހުރިހާ ކަމެއް އަމިއްލަ ފަރާތްތަކަށް އަދި ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހއ. އިހަވަންދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. މަސްވެރިންގެ ގިނަ ދަތިތަކަކަށް މިއަދާ ހަމައަށްވެސް ހައްލެއް ނުލިބި އޮތީ ވޭދުވެދިޔަ ސަރުކާރުތަކުން އަޅާނުލާ އޮތުމުން ކަމަށް ރައީސް ތުހުމަތުކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއަށް ނިމިދިޔަ ސަރުކާރުތަކުގައި މާބޮޑެތި މާމޮޅެތި މަޝްރޫއުތަކެއްގެ ހިންގާނެ ކަމަށް ބުނެ ދެކެވުނީ ހުސް ވާހަކަތަކެއް ކަމަށެވެ.

"މަސްވެރިންނަށް ރާއްޖެގެ ހުރިހާ މަސްވެރިންނަށް އެބަހުރި ގޮންޖެހުންތަކެއް. ބާނާ މަސް ވަގުތުން ކިރުމަށް ދަތިވުމާއި، އެއަށް ފައިސާ ލިބުމުގައި ހުރި ދަތިތަކާއި، މިހެން ގޮސް ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި މިހުރިހާ ކަމެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަން ހުރިހާ ކަމެއް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ މިފްކޯއަށް އިތުރަށް އިންވެސްޓް ކުރުން ކަމަށެވެ.

"ފަސޭހައިން މަސްވެރިންނަށް މަސް ކިރޭނެ ގޮތް ހަދައި ކިރޭ މަސް ރަނގަޅަށް ފްރީޒް ކުރެވި ސްޓޯކުރެވި ރަނގަޅު އަގުގައި ބޭރަށް ވިއްކޭނެ ގޮތް ހެދުން. އޭގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އައްޑޫ އާއި ކޫއްޑޫގައި މަސް ގަންނަ ފެކްޓަރީ ދެގުނަކުރުމުގެ މަސައްކަތާއި، ގދ. ތިނަދޫގައި މަސް ގިނަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތާއި ފެލިވަރުގައި އާ ފެކްޓަރީއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އިހަވަންދޫގައި ވެސް މަސް ގަންނަ މަރުކަޒެއް އަޅަން ވައުދުވި ކަމަށާއި އެ މަސައްކަތް ލަސްވީ އިހަވަންދޫ ބިން ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުޑަކޮށް ލަސްވުމުން ކަމުގައި ވިދާޅުވި އެވެ.

"އެހެންނަމަވެސް މިއަދު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިރަށަށް އިތުރުކުރެވޭ 25 ހެކްޓަރުގެ ބިން ނިމުމަކާ ގޮސްފައި އޮތް ތަން. އެ ނިމުމާ އެކީގައި މަސް ގަންނަ ބަނދަރާއި މަސް ގަންނަ މަރުކަޒާ އެކީގައި އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އިހަވަންދޫގައި މަސް ގަންނަ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށްވެސް ރައީސް އިއުލާންކުރެއްވި އެވެ. އިހަވަންދޫ ބަނދަރު ހަދާއިރު އޮޑިދޯނި ފަހަރު އެހެލާ ބޭލުން ފަސޭހަކޮށްދިނުމަށްޓަކައި ސްލިޕްވޭއަކާއި އިންޖީނު ދޯނިތަކަށް ބޭނުންވާ ސްޕެއާ އަދި އަޑީތެޔޮ ކަހަލަ ތަކެތި ލިބުން ފަސޭހަކޮށްދިނުމަށްޓަކައި އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިހަވަންދޫގައި ހަދާނީ 50 ޓަނުގެ ބްރެއިމް ފްރީޒް ކުރެވޭ އަދި 1،000 މެޓްރިކް ޓަނުގެ މަސް ފިނިކުރެވޭ ކޯލްޑް ސްޓޯރޭޖެއް ކަމަށެވެ.

"އަޅުގަނޑު ހިތުން މިރަށުގެ މަސްވެރިން މިބޭނުންވާ ހިދުމަތް އިރާދަކުރެއްވިއްޔާ މިތަނުން ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިހަވަންދޫގައި ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް އެރަށުގައި އެންމެ ޒަމާނީ ހޮސްޕިޓަލެއް އެޅުމަށް ވައުދުވި ނަމަވެސް އެކަން ނުވެ އޮތީ ސަރުކާރުގެ މައްސަލައަކުން ނޫން ކަމަށެވެ. އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހި ކޮންޓްރެކްޓް ކޮށްފައިވާތީ އެކަން ނުވެ އޮތީ ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް އެންމެ ލަސްވެގެން ކުރިއަށް އޮތް އޮގަސްޓް މަހުގެ ކުރީކޮޅުގައި ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އިހަވަންދޫ ރައްޔިތުންނަށް އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށްވެސް ރައީސް މިރޭ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން އިހަވަންދޫ ކައިރީގައި އޮންނަ ދިގުފަރުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް ފެށުމަށާއި، އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއަށް އެރަށުގެ ހުރިހާ މަގެއް އިތުރުކުރުމަށާއި، ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ގޮތުން ރޯހައުސް ނުވަތަ ހައުސިން ޔުނިޓް އަޅާނެ ކަމަށް ވިދާޅުވި އެވެ. އަދި މަސް ގަންނަ މަރުކަޒު އެއްކޮށް ނިމޭއިރު ވެލިއުއެޑް ކޮށްގެން މަސް ޕްރޮސެސް ކުރެވޭ ގޮތް ހަދައިދޭނިނުމަށާއި މިވެރިކަމުގައި ބޮޑުކޮށްފައިވާ ބަނދަރުގެ ނެރު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

އިހަވަންދޫއަށް އަދިވެސް ވައުދުގެ ދިގު ލިސްޓެއް އެބައޮތް ކަމަށާއި އެކަންކަން ފަހުން ހާމަކުރަމުން ގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.