ޑރ. މުހައްމަދު މުއިއްޒު

އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދެނީ ގައުމިއްޔަތު ގެއްލުވާލަން: މުއިއްޒު

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ ކަމެއް ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އިހަވަންދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ބަހަކީ ގައުމިއްޔަތާ އެންމެ ބޮޑަށް ގުޅިފައިވާ ދެ އަސާސް ކަމަށެވެ. ގައުމުގެ މުސްތަގުބަލާއި މިނިވަންކަން ސަލާމަތް ކުރަން ބޭނުންވާނަމަ އިސްލާމް ދީނާއި ދިވެހި ބަސް ހިމާޔަތް ކުރަންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

މުއިއްޒު ވަނީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާކޮށް ރައްކާތެރިކުރަން ބޭނުންވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ނިމުން ގެންނަން ޖެހޭ ކަމަށެވެ.

"ގައުމިއްޔަތު ގެއްލުވާލުމުގެ މަސައްކަތް މިވަނީ ފެށިފައި. މިކަމަށް ނިމުން ގެންނަންޖެހޭ،" ވަރަށް ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތް ކުރަން އެދޭނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ޖެހެނީ ޕީޕީއެމް އަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް ނޫނީ މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތްކޮށްދޭނެ ޕާޓީއެއް ނެތުމެވެ.

ގައުމިއްޔަތާ ގުޅޭގޮތުން މުއިއްޒު ވާހަކަދައްކަވާފައި މިވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި ހިމަނާފައި ވަނިކޮށެވެ.

މުއިއްޒު މިއަދު އިހަވަންދޫ އަށް ވަޑައިގަތުމުން އެރަށުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ވެސް ކިޔާފަ އެވެ.