އދ. ދިއްދޫ

ދިއްދޫގައި އެއާޕޯޓެއް އަޅާނަން: ރައީސް

ހއ. ދިއްދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ދިއްދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ދިއްދޫ ބިން ހިއްކަން ފަށާނެ ކަމަށެވެ.

ދިއްދޫ ރައްޔިތުން އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް ބޭނުންވާތީ ބިން ހިއްކުން ނިމުމާއެކު އެ މަސައްކަތްތައް ފަށާނެ ކަމަށް ރައީސް އިއުލާންކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ ބިން ހިއްކާ ނިމޭއިރު މިރަށުގައި އެއާޕޯޓެއް އެޅިގެން ދާނެ. އަދި ދިއްދޫ ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑު ވެސް ބިން ހިއްކާ ނިމޭއިރު ކައިރީގައި ފެނިގެން ދާނެ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިއްދޫ އަކީ ތިލަދުންމަތީގައި މުހިއްމު ރަށަކަށް ވާތީ މިސަރުކާރުން ދިއްދޫގައި މިހާރުވެސް ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައިވާނެ ކަމަށެވެ. ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ދިއްދޫގައި އަދިވެސް އިތުރު މަޝްރޫއުތައް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ ކެމްޕޭން ފެށި ފަހުން ރައީސް ވަނީ ށ. ކުޑަފަރުގައިވެސް އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ.

ރައީސް ސޯލިހްގެ މިދައުރުގައި އަމަލީ މަސައްކަތް ފަށައި ނިންމި ފުރަތަަމަ އެއާޕޯޓަކީ ހއ. ހޯރަފުށި އެއާޕޯޓެވެ. އަދި ރައީސްގެ މިދައުރުގައި ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާ މިހާރު ވަނީ އެއާޕޯޓް ހުޅުވާފަ އެވެ. އަދި މިވަގުތު އިތުރު ހަތަރު އެއާޕޯޓެއްގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމާއި، ރ. އަލިފުށި، ފ. ބިލަތްދޫ، އަދި މުލި އެއާޕޯޓުގެ މަސައްކަތެވެ.

އެއާޕޯޓްތައް އަޅައި އަދި އެހެންވެސް ވަސީލަތްތައް ގާއިމުކުރުމުގެ ބޭނުމަކީ މުޅި ރާއްޖެ އެކުގައި ތަރައްގީކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ. މިސަރުކާރުން ގައުމަށް ގެންނަ ތަރައްގީ ރައްޔިތުން މިއަދު ބަލައިގަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު މީގެކުރިންވެސް ވަނީ ބައެއް ރަށްތަކުގައި އެއާޕޯޓްތަކެއް އަޅައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އެއާޕޯޓް އެޅުމަށް މިދައުރުގައި ވައުދުވި ރަށްތައް

  • ހދ. މަކުނުދޫ
  • ށ. ބިލަތްފަހި
  • ރ. ބެރިޔަންފަރު
  • ބ. ތުޅާދޫ
  • ފ. މަގޫދޫ
  • ތ. ވިލުފުށި

މިރަށްތަކުގެ ތެރެއިން މިވަގުތު މަސައްކަތް ހިނގަމުންދާ ހަމައެކަނި ރަށަކީ ފ. މަގޫދު އެވެ. އެހެން ރަށްތަކުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.